ކުޅިވަރު

މިހާރު އޮތް ކުލަބް ވެލެންސިޔާ ޓީމް މާ ވަރުގަދަވާނެ: ކޯޗު އާތީ


ދިވެހި ޕްރިމިއަރ ލީގް ބްރޭކަށް ދިޔައިރު އޮތް ވެލެންސިޔާ ޓީމަށް ވުރެއް މިހާރު އޮތް ކުލަބް ވެލެންސިޔާ ޓީމް މާ ވަރުގަދަވާނެކަމަށް އެޓީމްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ. ކުލަބް ވެލެންސިޔާ ވަރުގަދަ ކުރުމުގެ ގޮތުން އެޓީމަށްވަނީ 2014ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިރާންގެ ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންޑަރެއްކަމަށްވާ މެހެރްދާދް ޕުލާދީ ގެނެސްފައެވެ.

އަދި މީގެ އިތުރުން ސްޕެއިން އަދި ފިންލެންޑްގައި ކުޅެފައިވާ އެޓޭކިން މިޑްފީލްޑަރެއްކަމަށްވާ ބީހަސް މާޓިންވެސްވަނީ ނިމިދިޔަ ޓްރާންސްފާގައި ކުލަބް ވެލެންސިޔާއަށް ގެނެސްފައެވެ. މެޗަށް ނިކުންނައިރު ކުލަބް ވެލެންސިޔާ އޮތީ ލީގް ތާވަލްގެ ދެވަނައިގައިއެވެ. އެޓީމު 9 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 15 ޕޮއިންޓެވެ.

ކުލަބް ވެލެންސިޔާ އާއި ގްރީން ސްޓްރީޓްސް ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާއި ވަހަކަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުނީ ވެލެންސިޔާގެ މެނޭޖްމަންޓުން ލީގުގައި ރަގަނޅު ހިސާބެއްގައި ކުލަބް އޮތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ކުޅުންތެރިންވެސް މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭކަމަށެވެ. ގްރީން ސްޓްރީޓްސް މެޗަށް ނިކުންނައިރު ޓީމް ކިތަންމެ ވަރުގަދަ ވީނަމަވެސް، ހަމައެކަނި ފަތިރަކުރުންތަކަކަށްފަހު ލީގްގެ މެޗަކާއި ކުރިމަތިލާއިރު ޓީމުގެ އަސްލު ފެންވަރު އަންދާޒާ ކުރަން ނޭނގުމަކީ ދިމާވާނެ ވަރަށް ބޮޑު އުދަގުލެއްކަމަށް ކޯޗް އާތިފް ފާހަގަކުރިއެވެ. މެޗަށް ނިކުންނައިރު ޓީމުގައި ދިބި ސީނިއަރ ކުޅުންތެރިންގެ ފަރާތުން ތަފާތެއް ފެނިގެންދާނެކަމަށް އުއްމީދު ކުރާކަމަށާއި ވެލެންސިޔާގައި ތިބި ސީނިއަރ ކުޅުންތެރިންނަކީ ކޮންމެ ހާލަތެއްގައިވެސް މޮޅު ކުޅުމެއްދައްކާ ފެންވަރުގެ ކުޅުންތެރިންތަކެއްކަމަށާއި ގްރީންގެ މައްޗަށް ވެލެންސިޔާއިން ކުރި ހޯދޭނެކަމަށް އުއްމީދު ކުރާކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ.


މާލޭގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން ލީގް ހުއްޓާލާފައި އޮތުމަށްފަހު 50އަށް ވުރެއް ގިނަ ދުވަހު ނުކުޅެ ތިބެފައި މެޗެއް ކުޅެންޖެހުމުން ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނިގެންދާކަމަށާއި ވެލެންސިޔާ އާއި ދެކޮޅަށް ނިކުންނައިރު މެޗެއް ކުޅެފައި އޮތުމަކުން ޓީމަށް މާބޮޑު ފައިދާއެއް ނުކުރާނެކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ. މިމެޗަށް ކުލަބް ގްރީން ސްޓްރީޓްސް ނިކުންނައިރު އެޓީމް އޮތީ ލީގް ތާވަލްގެ 4ވަނައިގައެވެ. އެޓީމަށް 9 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގްރީންގެ ކޯޗް އަލީ ނިޝްތާރު ބުނީ މެޗުން މޮޅުވެގެން ލީގް ތާވަލްގައި ކުރިއަށް ޖެހިލުމުގެ ފުރުސަތު އޮތުމާއެކު ވެލެންސިޔާ މެޗަށް ކުޅުންތެރިން ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.