ކުޅިވަރު

އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ޢަލީ އަޝްފާގު ހިމެނިއްޖެ


އޭއެފްސީ ކަޕްގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް ހިމެނިއްޖެއެވެ. އޭއެފްސީ ކަޕްގެ ޑްރީމް ޓީމެއް ހޮވުމަށް އެކުލަވާލީ އޮންލައިން ވޯޓިން ޕޯލްއެއްގައި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ޢަލީ އަޝްފާގް ހިމެނިފައިވާއިރު އޭއެފްސީއިންވަނީ މިމުބާރާތުގައި ކުޅެފައިވާ 13 ފޯވާޑުން ޝޯޓްލިސްޓްކޮށްފައެވެ.

އަލީ އަޝްފާގާއެކު އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީވެސް މިލިސްޓްގައި ހިމެނެއެވެ. އޭއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދާ އޮންލައިން ޕޯލްގެ ވޯޓް ދިނުމުގެ އެންމެ ފަހު ވަގުތަކީ މިއަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2 ޖަހާއިރުއެވެ. އޮންލައިންކޮށް ހޮވާ މިޑްރީމް ޓީމް ހިމެނެނީ 3-4-3 ފޯމޭޝަނަށެވެ. އެހެންކަމުން މިއޮންލައިން ވޯޓުން ޕޯލުން 3 ފޯވާޑުން ހޮވާނެއެވެ.

އޭއެފްސީއިން ކުރިއަށްގެންދިޔަ އެންމެ މޮޅު ޑިފެންޑަރުން ހޮވުމަށް ކުރިއށްގެންދިޔަ ޕޯލްގައި ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީވެސް ހިމެނުނެވެ. ނަމަވެއް ވޯޓް މަދުވުމުގެ ސަބަބުން އަކްރަމަށް ޑްރީމް ޓީމުގައި ލައްވާލާ ގޮތެއް ނުވިއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްވަނީ ވަރުގަދަ ކެންޕޭނަކާއެކު އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފައެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖަކީ އޭއެފްސީ ކަޕްގައި ކުލަބްތަކުން ޖަހާފައިވާ މޮޅު ގޯލް ހޮވުމަށް އޭއެފްސީއިން ކުރިއަށްގެންދިޔަ ޗެލެންޖެކެވެ. ގިނަ ކުޅުންތެރިންތަކެއް ބަލިކުރުމަށްފަހު ދަގަނޑޭ ފައިނަލްގައި ބަލިކޮށްފައިވަނީ ހޮން ކޮންގުގެ ޗަން ސިއު ކީއާއެވެ. ބްރެކެޓް ޗެލެންޖްގައި ދަގަނޑޭގެ ގޯލަށް ހޮވިފައިވަނީ 2013ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިޔާގެ ޕާސިބޯކޮޅަށް ޖެހި ސޯލޯ ގޯލެކެވެ.
ބްރެކެޓް ޗެލެންޖުގައި ވާދަކުރި ދަގަނޑޭގެ ގޯލްގެ އިތުރުން އެމެޗްގައި ދަގަނޑޭވަނީ އިތުރު 4 ގޯލް ޖާހާފައެވެ. ނިއު ރޭޑިއަންޓްގެ ޖޯޒީގައި ދަގަނޑޭ ކުޅެމުންދިޔަ މެޗް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވަނީ 7 ލަނޑު 0 ލަނޑުންނެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. ފާސިބޯއާއި ދެކޮޅަށް ދަގަނޑޭ ޖެހި މިގޯލްވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ އަހަރުގެ ޖޫން މަހު ހޮވާފައެވެ.