ކުޅިވަރު

ބަހްރެއިން ގްރޯން ޕްރީ ލުއިސް ހެމިލްޓަން ކާމިޔާބުކޮށްފި


ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގެ ފުރަތަމަ ރޭސް ކަމަށްވާ ބަހްރެއިން ގްރޯން ޕްރީ ލުއިސް ހެމިލްޓަން ކާމިޔާބުކޮށްފިއެވެ. މިރޭސް ހެމިލްޓަން ކާމިޔާބުކުރީ މެކްސް ވަރސްޓަޕެންއާއި ވަރަށް ވާދަވެރި ރޭހެއް ޖެހުމަށްފަހުއެވެ.

މިރޭސް ފެށިގެން އެންމެ ކުރީގައި ރެޑްބުލްގެ ވަރސްޓަޕެން އޮތް ނަމަވެސް ޓަޔަރު ބަދަލުކުރުމަށް ޕިޓް ސްޓޮޕް އެއް ހެދުމާއި ގުޅިގެން މަރސިޑީޒްގެ ހެމިލްޓަންއަށް ކުރި ލިބުނެވެ. އަދި ރޭސް ނިމެން ހަތަރު ބުރަށް ވެފައިވަނިކޮށް ވަރސްޓަޕެން ހެމިލްޓަން ފަހަތަށް ޖައްސާލާ ކުރި ހޯދި ނަމަވެސް އޭނާ ކުރިއަށް އެރީ ޓްރެކްގެ ބޭރުން ލާފައިކަމަށްވާތީ ރޭސް ކޮންޓްރޯލްއިންވަނީ އަލުން ހެމިލްޓަންއަށް ކުރިއަށް އަރަށް ފުރުސަތުދޭން އަންގާފައެވެ. ނަތިޖާއަކަށްވީ ވަރސްޓަޕެން ފަހަތަށް ޖެހި ހެމިލްޓަން ކުރިއަށް އަރަން ފުރުސަތު ދޭން ޖެހުމެވެ. އަދި އެއަށްފަހު ހެމިލްޓަން އަތުލެވޭވަރެއް ވަރސްޓަޕެންއަކަށް ނުވިއެވެ. ހެމިލްޓަންއަށް ކުރިދޭން ވަރސްޓަޕެންއަށް އޭނާގެ ޓީމުން އެންގުމުން އެކަމާއި އޭނާ ހިތްހަމަ ނުޖެހުން ފާޅުކުރި އަޑު ރޭޑިއޯއިން އިވިގެންދިޔައެވެ. ނަމަވެސް އޭނާގެ ޓީމުންވަނީ އެމީހުންވެސް އޭގަ ކުރާނެ އިތުރު ކަމެއް ނެތްކަމަށް ބުނެފައެވެ.

އެފް ވަން ގަވައިދު ބުނާގޮތުން ޓްރެކުން ބޭރުވެގެން ޓްރެކަށް އެނބުރި އަންނައިރު އެކާރަކަށް އެޑްވާންޓޭޖެއް ލިބޭ ކަމެއް ވާނަމަ އެކަމެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އެގޮތަށް ލިބޭ އެޑްވާންޓޭޖެއް އެލިބުނު ހިސާބުން ބަދަލުކުރަންޖެހޭނެ ކަމަށާއި ނޫނީ ފަހުން އެކަން ބަލާ ފިޔަވަޅު އެޅޭނެކަމަށެވެ. މިސީޒަންގައި މިހާތަނަށް ކުރީގައި އުޅުނު ވަރސްޓަޕެންއަށް މިއީ ވަރަށް ހިތްދަތި ނިންމުމަކަށް ވެގެންދާނެއެވެ. ނަމަވެސް ވަރސްޓަޕެން ހުރީ މިފަހަރުގެ ސީޒަނަށް ވަރަށް އުންމީދާއެކުއެވެ. ރޭހަށްފަހު އޭނާ ހާމަކުރުގޮތުގައި މިއީ ބަހްރެއިން ގްރޯން ޕްރީ ނިންމާލަށް އޭނާ ބޭނުންވި ގޮތް ނޫން ކަމަށާއި ނަމަވެސް މިރޭހުން ލިބުނީ މުހިންމު ޕޮއިންޓް ކޮޅެއް ކަމަށެވެ. އަދި މިރޭހުންވެސް މިފަހަރު ރެޑްބުލްއިން މަރސިޑީޒްއަށް ދޫނުދޭނެކަން ހާމަކޮށްދީފިކަމަށާއި މިއީ ސީޒަން ފެށުމަށް ރަނގަޅު ގޮތެއް ކަމަށްވެސް އޭނާ ހަމަކުރިއެވެ. މިރޭސް ކާމިޔާބު ކުރުމަށްފަހު އެންމެފަހުގެ ޗެންޕިއަން ހެމިލްޓަން ހާމަކުރިގޮތުގައި މި ނިމުނީ ވަރަށް އުނދަގޫ ރޭހެއް ކަމަށާއި މިއީ ފަހަކަށް އައިސް އޭނާ ބައިވެރިވި އެންމެ އުނދަގޫ އެއް ރޭސް ކަމަށެވެ. އަދި މިރޭހުގައި ފެށުނީއްސުރެ ވަރސްޓަޕެން ވަނީ ވަރަށް ރަނގަޅަށް ދުއްވާފައިކަމަށާއި މިއީ ވަރަށް އުނދަގުލުން ލިބުނު މޮޅެއް ކަމަށް ހެމިލްޓަން ހާމަކުރިއެވެ. މިރޭހުން ތިންވަނައަށް ދިޔައީ މަރސިޑީޒްގެ ވެލްޓަރީ ބޮޓާސްއެވެ.

މިރޭސް ކާމިޔާބުކުރުމުން ހެމިލްޓަންއަށް 25 ޕޮއިންޓް ލިބުނުއިރު ވަރސްޓަޕެންއަށް ވަނީ 18 ޕޮއިންޓް ލިބިފައެވެ. އަދި ބޮޓާސްއަށް ލިބުނީ 16 ޕޮއިންޓެވެ. ކޮންސްޓްރަންޓަރސް ބައިން އެއްވަނަ މަރސިޑީޒްއަށް ލިބުނުއިރު އެޓީމަށްވަނީ 41 ޕޮއިންޓް މިރޭހުން ލިބިފައެވެ. އަދި ދެވަނަ ރެޑްބުލްއަށް 28 ޕޮއިންޓުން ލިބުނުއިރު ތިންވަނައިގާ އުޅެނީ މެކްލެރެންއެވެ. އެފް ވަން ގައި ދެން އެންމެ އަވަހަށް އޮންނާނީ އެޕްރީލް 16 ވަނަ ދުވަހު އޮންނަ އިޓަލީވިލާތުގެ އިމޯލާގައި ބާއްވާ އެމީލިއާ ރޮމަގްނާ ގްރޯން ޕްރީއެވެ.