ކުޅިވަރު

ވަރލްޑް ކަޕް ކޮލިފައިންގައި އިޓަލީވިލާތް ގުރޫޕު ސީގެ އެއްވަނައަށް


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ސީގައި އިޓަލީވިލާތާއި ބަލްގޭރިއާ ބައްދަލުކުރިމެޗް އިޓަލީވިލާތް ކާމިޔާބުކޮށްފިއެވެ. ބަލްގޭރިއާގައި ކުޅުނު މިމެޗް އިޓަލީވިލާތް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި އިޓަލީވިލާތުންނެވެ. މިމެޗްގައި އިޓަލީވލާތުން 22 ހަމަލާ އުފެއްދި އިރު ބަލްގޭރިއާއަށް އިޓަލީގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވޭވަރުވީ އެންމެ ހަމަލާއެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އަންޑްރިއާ ބެލޮއްޓީއެވެ. އަދި އިޓަލީގެ ދެވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހައިދިނީ މެނުއަލް ލޮކަޓެއްލީއެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އިޓަލީވިލާތައް މިމެޗްގައި ލިބިގެން ގޮސްފައިވެއެވެ.

މިކާމިޔާބީއާއެކު އިޓަލީވިލާތް އުޅެނީ ގްރޫޕް ސީގައި ކުޅުނު ދެމެޗުންވެސް މޮޅުވެގެން ގްރޫޕްގެ އެއްވައިނައިގައެވެ. މިގްރޫޕްގެ ދެވަނައިގާ އުޅޭ ސްވިޓްޒަލަންޑާއި ލިތުއޭނިއާ ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ސްވިޓްޒަލަންޑެވެ. ގްރޫޕް ގެ ދެވަނަ ސްވިޓްޒަލެންޑަށް ލިބެނީ ކުޅުނު ދެމެޗުން މޮޅުވެފައިވީ ނަމަވެސް ފައިދާ ގޯލްގެ ތަފާތުން އިޓަލީވިލާތަށް ކުރި ލިބޭތީއެވެ.