ކުޅިވަރު

ސަންސް އާއި ހޯނެޓްސް ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފީނިކްސް ސަންސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސަންސް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 90 ޕޮއިންޓުން ދެޓީމް އެއްވަރުވުމުން އޯވަރޓައިމް ކުޅެ 101 ޕޮއިންޓް 97 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް އެޓީމަށް ހޯދާދިން ޑެވިން ބޫކަރއެވެ. މީގެއިތުރުން ޑިއާންޑްރޭ އައިޓަންވަނީ އެޓީމަށް 14 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާފައެވެ. މިމެޗްގައި ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދިން ޑެވަންޓޭ ގްރަހަމްއެވެ. އަދި ޓެރީ ރޮޒިއަރވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. މިމެޗްގައި ބްލޭޒަރސްގެ ޑެމިއަން ލިލާޑްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީ 11 އެސިސްޓް ކޮށްފައެވެ. އަދި ސީޖޭ މެކްކޮލަމްވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ރެޕްޓަރސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 26 ޕޮއިންޓް ހޯދައިދިން ޕަސްކަލް ސިއާކަމްއެވެ.