ޚަބަރު

ޓީވީއެމް : ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި 43 އަހަރު


ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގެރޭ 9 ޖެހިއިރު ފެށީ އިންސާނީ ވަޞީލަތް މަދުވެފައި، ފަންނީ ޤާބިލުކަމާއި ފުދުންތެރިކަން ކުޑަވުމުގެ ސަބަބުން، ދިމާވި އެތަކެއް ގޮންޖެހުމަކާއެކުވެސް، މާލެއާއި މާލެ ކައިރީގެ 30 ކިލޯމީޓަރ ރޭޑިއަސްގެ ސަރަޙައްދަކަށެވެ. ކުރިން އޭގެ މާކުރީއްސުރެ ރޭޑިއޯގެ ޚިދުމަތް ދެމުންދިޔަ ނަމަވެސް އަވައްޓެރި އެހެން ޤައުމުތަކާއި އެއްގޮތަށް ޓީވީގެ ޚިދުމަތް ފަށައިގަތުމަކީ އޭރު ރާއްޖެއަށް މާފަސޭހަކަމެއް ނޫނެވެ. އެހެނީ އެދާއިރާއިން ތަމްރީނުވެފައިވާ މީހުން މަދުވުމާއި ކޮންމެ އެއްޗެއްވެސް ރާއްޖެއަށް އެތެރެކޮށް ބޭނުންވާ ތަމްރީނުތައް ބޭރުން ހޯދަން ޖެހުމަކީ އޭރުވެސް ދިމާވި ގޮންޖެހުންތަކެކެވެ. އެތަކެއް އުނދަގޫތަކާއެކު ފެށި މި ޚިދުމަތަށް 43 އަހަރު ފުރިގެންދާއިރު މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ މި ޚިދުމަތް ލިބެމުންނެވެ.

އެންމެ ކޮންޓްރޯލް ރޫމަކާއި ސްޓޫޑިއޯއެއް ބޭނުންކޮށްގެން އެންމެ 9 ލައިޓާއި 2 ކެމެރާއާއެކު، ޖުމްލަ 8 މުވައްޒަފުންނާއެކުވެސް ޓީވީގެ ޚިދުމަތް ފެށުންވެގެންދިޔައީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް އައި އިންޤިލާބީ ބަދަލަކަށެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އިސްނެންގެވުމާއެކު ފެއްޓެވި ޓީވީއެމްގެ ޚިދުމަތް ޒަމާނަށް އައި ބަދަލުތަކާއެކު މިހާރު ރާއްޖޭގެ މުޅި އާބާދީއަށް އަންނަނީ ލިބެމުންނެވެ.

ޓީވީއެމްގެ ޚިދުމަތް މުޅި ރާއްޖޭގެ އިތުރުން ސަރަޙައްދީ ޤައުމުތަކަށް ފުޅާވެގެންދިޔައީ 1990 ގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓްގެ ކަވަރޭޖާއެކުގައެވެ. އެއާއެކު ރާއްޖޭގައި ހިނގާ މުހިންމު އެކި ކަންކަމާ ގުޅޭ މަޢުލޫމާތު ޓީވީއެމް މެދުވެރިކޮށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގުތުން ޓެލެކާސްޓް ކުރަންފެށުނެވެ.

ޓީވީ މޯލްޑިވްސްގެ ޚިދުމަތަށް ބައި ޤަރުނާއި ގާތްވެފައިވާއިރު، ޓީވީއެމްގެ ޚިދުމަތް މިއަދު ދެމުންމިދަނީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ބްރޯޑްކާސްޓަރުން ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އަދި ޚިދުމަތް ފެށުނުއިރާ އަޅާބަލާއިރު، ޓީވީއެމްގެ ކޮންޓެންޓްވެސް ވަނީ އެތައް ގުނައެއް ފެންވަރު ރަނގަޅުވެ ކުރިއަރާފައެވެ. މިއަދު ޓީވީއެމްގެ ބްރޯޑްކާސްޓް ކުރުމުގެ ފެންވަރު މަތިކޮށް މިހާރު ދަނީ އެޗްޑީކޮށްވެސް ބްރޯޑްކާސްޓް ކުރަމުންނެވެ.ޓީވީއެމް އުފެދިގެން އައި ހިސާބުން ޚަބަރާ މަޢުލޫމާތު ގެނެސްދެމުން ދިޔައިރު މިހާރު އެޗެނަލްއިން ގެނެސްދޭ ޚަބަރަކީ މީގެ ތިން އަހަރުދުވަހުގެ ކުރިން ޕީއެސްއެމްގެ ކުޑައިގެ ދަށުން އުފެއްދި ޕީއެސްއެމް ނިއުސްއިން ތައްޔާރުކޮށްގެން ގެނެސްދޭ ޚަބަރެވެ.

ޓީވީއެމްގެ ޚިދުމަތުގެ މިވީ 43 އަހަރުގެ ތެރެއިން މިހާރު ހިނގަމުންމިދާ ދުވަސްތަކަކީވެސް ޚިދުމަތުގެ ތާރީޚުގައި ތަފާތު ތަޖުރިބާތަކެއް ކުރަމުންދާ މުއްދަތެކެވެ. މީގެކުރިން ރާއްޖެއަށް ކުރިމަތިވި އެކި ހާދިސާތާކާއި، ކާރިސާތަކުގެ މައުލޫމާތާއި ޚަބަރު ޓީވީއެމުން އާންމުންނާއި ހަމައަށް ގެނެސްދެމުންދެއެވެ. ޚާއްސަކޮށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޚަބަރާއި މަޢުލޫމާތުތައްވެސް ވަކި އުޞޫލެއްގެ ދަށުން ފޯރުކޮށްދެމުންދިޔައެވެ.

އެތައްދުވަހެއްގެ ތަޖުރިބާތަކާއެކު ވޭތުވެދިޔަ އަހަރުވެސް ވަނީ މުޅިން އާ ތަޖުރިބާތަކެއް ކޮށްފައެވެ. ކޯވިޑްއާ ގުޅިގެން ފުރަބަންދެއްގައި ތިބެން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޕްރޮގްރާމްތައް މުވައްޒަފުން ގޭގައި ތިބިގެން އުފައްދައި، ރައްޔިތުންނާ ހަމަޔަށްދިޔައީ ފޯރުކޮށްދެމުންނެވެ.

ޓީވީއެމްގެ 43 އަހަރުގެ ޚިދުމަތުގެތެރޭގައި އާއްމުންނާއި ހަމައަށް ގެނެސްދިން ޕްރޮގްރާމްތަކަކީ އަދިވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ޕްރޮގްރާމްތަކެކެވެ. ހޭޔަންބޯ، ފިލްމީ އުދަރެސް، ހެނދުނު ހެނދުނާފަދަ މެންދުރުފަސްފަދަ ޕްރޮގްރާމްތަކަކީ މިހާރުވެސް މެދުކެނޑުމެއްނެތި ގެނެސްދޭ، އަދިވެސް ދިވެހިންގެ މެދުގައި މަޤްބޫލު ޕްރޮގްރާމްތަކެކެވެ. އަދި ޒަމާނީ އޮއިވަރާއި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މިހާރު އޮތް ވާދަވެރިކަމުގެ ތެރެއިންވެސް ވަސީލަތްތައް ތަންދިން މިންވަރުން، ބެލުންތެރިން ގަޔާވާނެފަދަ އުފެއްދުންތަކެއް ގެނެސްދިނުމަށް ޓީވީއެމްގެ ކޮންޓެންޓް އުފައްދާ ޓީމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.