ޚަބަރު

ސުއޭޒު ކެނަލުގައި ތާށިވި އާގުބޯޓު އަނބުރާލުމުގައި ކުރިއެރުންތަކެއް


މިޞްރުގެ ސުއޭޒު ކެނަލުގައި ތާށިވެފައިވާ އާގުބޯޓު ކޮންމެވެސް މިންވަރަކަށް އަނބުރާލެވިފައިވާކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފިއެވެ.

ދުނިޔޭގެ މައި ވިޔަފާރި ދޮރާޓެއްކަމަށްވާ ސުއޭޒު ކެނަލަކީ ކަނޑުމަގުން ދުވާލެއްގެ މައްޗަށް އެތައް ބޯޓެއް ހުރަސްކުރާ މަގެކެވެ. ތައިވާނުގައި މަރުކަޒުވެފައިވާ ކުންފުންޏަކުން ދުއްވާ 1،300 ފޫޓުގެ އާގުބޯޓެއްކަމަށްވާ އެވަރގުރީން ސުއޭޒު ކެނަލްގައި ހުރަސްވެ ތާށިވުމުން އެ ސަރަޙައްދު ބަންދުވެ އެ މަގުން ދަތުރުކުރަން ހަމަޖެހިފައިވާ ތެޔޮ އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުވަނީ އެ މަގުން ހުރަސްނުކުރެވި ދެ ފަރާތުގައި ތާށިވެފައެވެ. އެގޮތުން ސުއޭޒު ކެނެލަށް ނުވަދެވި ނުވަތަ ސުވޭޒު ކެނަލުގެ އެކި ސަރަޙައްދުތަކުގައި ތާށިވެފައި 300އަށްވުރެ ގިނަ އުޅަނދު އެބައޮތެވެ.

ބޯޓު އަނބުރާލުމަށް ގާތްގަނޑަކަށް 50 ފޫޓުގެ ފުންމިނަށް ބިންގަނޑު ކޮންނަން ޖެހެއެވެ. ބޯޓުގެ ދިރުންބާ ކޮޅުން މިހާތަނަށް 20،000 ޓަނުގެ ވެލިވަނީ ކޮނެފައެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ ބޯޓު އަނބުރާލުމަށް ކޮށްފައިވާ މަސައްކަތުން ބޯޓުގެ ހުންގާނާއި ކޮޅުފަސްކޮޅު ކޮންމެވެސް ވަރަކަށް ގުޑާލައިފައިވާކަމަށެވެ. އެކަން ހާޞިލްކޮށްފައިވަނީ ބޯޓުގެ ދެ ފަރާތުގައި އޮންނަ ސަރަޙައްދު ކޮނެ ޓަގުބޯޓު ބޭނުންކޮށްގެން ބޯޓު ދަމައިގެންނެވެ. އަދި ކޮންމެވެސް ވަރަކަށް ބޯޓު ފުންކުރެވިފައިވާކަމަށާއި ކޮންމެ ވަގުތެއްގައިވެސް ބޯޓު އެނބުރިދާނެކަމަށް އެ ވުޒާރާއިން ބުނެއެވެ. ނަމަވެސް ގަދަ އޮޔާއި ވައިގެ ސަބަބުން ބޯޓު ފުންކުރުމުގެ މަސައްކަތް އުންދަގޫވެފައިވާކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. ބޯޓު ލުއިކުރުމަށް އޭގައި ހުރި 18،300 ކޮންޓެރިނަރުގެ ތެރެއިން އެއްބައި ބާލަން ނުޖެހޭނެކަމަށް އުންމީދު ކުރާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ސުއޭޒް ކެނަލްގައި ބޯޓު ހުރަސްވުމަށް މެދުވެރިވީ މޫސުން ގޯސްވި ވަގުތެއްގައި ފަޅުވެރިން ފަރުވާކުޑަކުރުމުންކަމަށާއި ބޯޓަށް އެއްވެސް މައްސަލައެއް ދިމާވެގެން ނޫންކަމަށް އިބްތިދާޢީ ތަހުޤީޤުތަކުން ދައްކައެވެ. އެ ބޯޓުގައި ތިބީ އިންޑިޔާއަށް ނިޞްބަތްވާ 25 ފަޅުވެރިންނެވެ.