އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ކޮވެކްސް މަޝްރޫޢުއަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މިންވަރަށް މެއި މަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދޭނެކަމަށް ޔުނިސެފުން ބުނެފިއެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން އެސްޓްރަޒެނެކާގެ ޚާއްޞަ ޙުއްދައެއްގެ ދަށުން އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުގައި އުފައްދައި ކޯވިޑް-19ގެ ވެކްސިންގެ 90 މިލިއަން ޑޯޒް މާރިޗު މަހާއި އެޕްރިލް މަހުގެ ތެރޭގައި ކޮވެކްސަށް ފޯރުކޮށްދިނުމަށް ސީރަމް އިންސްޓިޓިއުޓުން އޮތީ އެއްބަސްވެފައެވެ. އޭގެ ތެރެއިން ކޮވެކްސަށް މިހާތަނަށް ފޯރުކޮށްދީފައިވަނީ 28 މިލިއަން ޑޯޒެވެ. ނަމަވެސް އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން އެ ޤައުމަށް ބޭނުންވާ މިންވަރަށް ވެކްސިން ކަށަވަރުކުރުމުގެ ގޮތުން ބޭރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން އެ ޤައުމުންވަނީ މެދުކަނޑައިލައިފައެވެ. އޭގެ ސަބަބުން ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޮވެކްސް މަޝްރޫޢުއަށް އަސަރުކުރާނެއެވެ.
ޔުނިސެފުން ބުނީ މެއި މަހުގެ ތެރޭގައި ކޮވެކްސް މަޝްރޫޢުއަށް ބޭނުންވާ ކޮވިޝީލްޑް ވެކްސިން ފޯރުކޮށްދޭން އިންޑިޔާއިން އަލުން ފަށާނެކަމަށެވެ. ނަމަވެސް އޭގެ ކުރިން އޭޕްރިލް މަހުގެ ތެރޭގައިވެސް ވެކްސިންގެ ކޮންމެވެސް މިންވަރެއް ލިބޭތޯ އިންޑިޔާގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަށް ޔުނިސެފުންވަނީ ބުނެފައެވެ.
ކޮވެކްސް މަޝްރޫޢުގެ ދަށުން ފަޤީރު 64 ޤައުމަކަށް ހެޔޮ އަގުގައި ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެ މަޝްރޫޢުގެ ދަށުން 61 ޤައުމަކަށް ވެކްސިންގެ 32 މިލިއަން ޑޯޒްވަނީ މިހާތަނަށް ފޯރުކޮށްދީފައެވެ.