ޚަބަރު

25 އަހަރަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޗައިނާއާއި އީރާނުން ސޮއިކޮށްފި


ޗައިނާއާއި އީރާނާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުމާއި ސިޔާސީ ގުޅުން ވަރުގަދަކޮށް ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި އީރާނަށް ޒިޔާރަތްކުރައްވައި ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދާއި ދަތުރުފަތުރުގެ ދާޢިރާއިން ގުޅުންތައް ވަރުގަދަކުރާނެއެވެ. ދެ ޤައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗައިނާގެ އިޤްތިޞާދީ ނުފޫޒާއި ސިޔާސީ ނުފޫޒު ވަރުގަދަކުރުމުގެ ގޮތުން ހިންގާ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވުގައި އީރާނުން ބައިވެރިވާނެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފްއާ ބައްދަލުކުރައްވައި ޔީ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމަކީ ބައިވެރިންކަމަށާއި އީރާނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޗައިނާއިން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ދާޢިމީ ގުޅުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަންސަވީސް އަހަރު ދުވަހުގެ މުއްދަށް ގުޅުން ވަރުގަދަކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ޗައިނާއާއި އީރާނަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދެ ޤައުމެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޗައިނާއިންވަނީ އެކި ފަހަރުގެ މަތިން ކުށްވެރިކޮށްފައެވެ.

ޗައިނާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި އީރާނުގެ ރައީސް ޙަސަން ރޫޙާނީއާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި 2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކުރި ނިއުކުލިޔަރ އެއްބަސްވުމުގެ ދަށުން ޗައިނާއިން އީރާނަށް ދޭ އެއްބާރުލުން ރޫޙާނީ ފާހަގަކުރެއްވިއެވެ. އެ އެއްބަސްވުން ތަންފީޒުކުރުމުގައި ޗައިނާއާއި އީރާނާ ދެމެދުގައި އޮންނަ ގުޅުން ވަރަށް މުހިންމުކަމަށް ރޫޙާނީ ވިދާޅުވިއެވެ.