ޚަބަރު

އިންޑޮނޭޝިޔާގެ ފައްޅިއަކަށް ބޮމުގެ ޙަމަލާއެއް ދީފި


އިންޑޮނޭޝިޔާގެ ފައްޅިއަކަށް ދިން ބޮމުގެ ޙަމަލާއެއްގައި 2 މީހުން މަރުވެ 14 މީހުން ޒަޚަމްވެއްޖެއެވެ.

ނަޞާރާދީނުގައި ފާހަގަކުރާ އީސްޓަރ ޢީދުގެ ފުރަތަމަ ދުވަހާ ދިމާކޮށް ބޮމުގެ ޙަމަލާއެއް ދީފައިވަނީ އިންޑިނޭޝިޔާގެ މަކައްސަރު ސިޓީގެ ފައްޅިއަކަށެވެ. އެ ޙަމަލާގައި މަރުވެފައިވަނީ ބޮން ގޮއްވާލުމުގައި ޙަރަކާތްތެރިވި 2 މީހުންނެވެ. ޙަމަލާ ދިނުމަށް އެ މީހުންނަށް ފައްޅީގެ އެތެރެއަށް ވަދެވިފައެއް ނުވެއެވެ.

އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިދޯދޯވަނީ އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އެ ޙަމަލައަކީ ނިރުބަވެރި ޙާމަލާއެއްކަމަށް ސިފަކުރައްވާ ވިދޯދޯ ވިދާޅުވީ ޙަމަލާއާ ގުޅުންހުރި ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތައް ފުރިހަމައަށް ތަހުޤީޤުކޮށް އެފަދަ ޖަމާޢަތްތައް ވުޖޫދުން ފުހެލުމަށް ފުލުހުންގެ އިސްވެރިޔާއަށް ޢަމުރުކުރައްވާފައިވާކަމަށެވެ.

އިންޑޮނޭޝިޔާގެ ފުލުހުން ބުނީ ހަތިޔާރުއެޅި ހަނގުރާމަވެރިންކަމަށް ޝައްކުކުރެވޭ ބަޔަކު ވަރަށް ފަހުން ހައްޔަރުކޮށްފައިވާކަމަށާއި އެ ހާދިޘާއާ ބޮމުގެ ޙަމަލާއާ އޮތް ގުޅުމެއް ބަލަމުންދާކަމަށެވެ. ޙަމަލާ ދިން މީހުންނަކީ 2020ވަނަ އަހަރު ފިލިޕީންސްގެ ޖޯލޯގައި ބޮމުގެ ޙަމަލާއެއް ދިން ޖަމާޢަތަކަށް ނިސްބަތްވާ ބައެއްކަމަށް ބެލެވެއެވެ.