ޚަބަރު

ބޯޓު ފުންކުރުމުގެ މަސައްކަތް ވަރުގަދަކޮށް، ބޭރުގެ މާހިރުން ޙަރަކާތްތެރިވަނީ


މިޞްރުގެ ސުއޭޒް ކެނަލަށް ބީހުނު އާގުބޯޓު ފުންކުރުމަށް މިހާތަނަށް ކުރި ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވެއްޖެއެވެ.

ދުނިޔޭގެ މައި ވިޔަފާރި ދޮރާޓެއްކަމަށްވާ ސުއޭޒް ކެނަލަކީ ކަނޑުމަގުން ދުވާލެއްގެ މައްޗަށް އެތައް ބޯޓެއް ހުރަސްކުރާ މަގެކެވެ. ތައިވާނުގައި މަރުކަޒުވެފައިވާ ކުންފުންޏަކުން ދުއްވާ 1،300 ފޫޓުގެ އާގުބޯޓެއްކަމަށްވާ އެވަރ ގުރީން ސުއޭޒް ކެނަލްގައި ހުރަސްވެ ތާށިވުމުން އެ ސަރަޙައްދު ބަންދުވެ އެ މަގުން ދަތުރުކުރަން ހަމަޖެހިފައިވާ ތެޔޮ އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުވަނީ އެ މަގު ހުރަސްނުކުރެވި ދެ ފަރާތުގައި ތާށިވެފައެވެ. ބޯޓު ފުންކުރުމަށް ގާތްގަނޑަކަށް 50 ފޫޓުގެ ފުންމިނަށް ބިންގަނޑު ކޮންނަން ޖެހެއެވެ.

ބޯޓުގެ ޓެކްނިކަލް މެނޭޖަރު ބާންހާޑް ޝުލްޓް ޝިޕް މެނޭޖްމަންޓުން ބުނީ ނެދަލޭންޑްސްގެ ކުންފުންޏަކުން ބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި ބޯޓު ފުން ކުރުމުގެ މަސައްކަތަށް އިތުރު ދެ ޓަގު ގެންނާނެކަމަށެވެ. މިވަގުތަށް އެންމެ މުހިންމު ކަމެއް ދެނީ ވެއްޔާއި ޗަކަ ކޮނުމުގެ މަސައްކަތް ކުރުމަށްކަމަށް އެ ކުންފުނިން ބުނެއެވެ. ގަޑިއިރެއްގެ ތެރޭގައި 2،000 ކިއުބިކް މީޓަރުގެ ސާމާނު އެއްފަރާތްކުރެވޭ ޚާއްޞަ ކޮންނަބޯޓެއްވެސް އެ މަސައްކަތުގައި ބޭނުންކުރަމުންދާކަމަށާއި ބޯޓުގައި ހުރި ފެނުގެ މިންވަރު މަދުކުރުމަށް ހައި ކެޕޭސިޓީ ޕަންޕުތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސުއޭޒް ކެނަލްގައި ބޯޓު ހުރަސްވުމަށް މެދުވެރިވީ ވައިގަދަވުމުގެ ސަބަބުންކަމަށާއި ބޯޓަށް އެއްވެސް މައްސަލައެއް ދިމާވެގެން ނޫންކަމަށް އިބްތިދާޢީ ތަހުޤީޤުތަކުން ދައްކައެވެ. އެ ބޯޓުގައި ތިބީ އިންޑިޔާއަށް ނިޞްބަތްވާ 25 ފަޅުވެރިންނެވެ.