ޚަބަރު

ބައިޑަން ބާއްވަވާ މަހާސިންތާއެއްގައި ބައިވެރިވުމުގެ ދަޢުވަތު ޝީއާއި ޕުޓިންނަށް


އަންނަ މަހުގެ ތެރޭގައި އެމެރިކާއިން ބާއްވާ މޫސުމީ ބަދަލުތަކާބެހޭ މަހާސިންތާއެއްގައި ބައިވެރިވުމުގެ ދަޢުވަތު ޗައިނާއާއި ރަޝިޔާގެ ރައީސުންނަށް ފޮނުއްވާފައިވާކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ބުނީ އޭޕްރިލް މަހުގެ 22ން 23އަށް ބާއްވާ މަހާސިންތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި ރަޝިޔާގެ ރައީސް ވުލަޑްމީރު ޕުޓިން ހިމެނޭގޮތަށް ދުނިޔޭގެ 40 ޤައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އެ މަހާސިންތާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ދަޢުވަތާ ގުޅޭގޮތުން ޕުޓިންއާއި ޝީއާއެކު އަދި ވާހަކަދައްކަވާފައި ނުވާކަމަށެވެ. ނަމަވެސް ދަޢުވަތު އަރުވާފައިވާކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެ އެޕްރިލް މަހުގެ 22ވަނަ ދުވަހު ފާހަގަކުރާ އާތު ޑޭއާ ދިމާކޮށް އެމެރިކާއިން ބާއްވާ މަހާސިންތާއަކީ މޫސުމީ ބަދަލުތަކަށް ބައިޑަން ދެއްވާ މުހިންމުކަން ދައްކުވައިދޭ ޙަރަކާތެކެވެ. މުޅި ދުނިޔެއިން ބަލިމަޑުކަމުގެ ޙާލަތަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި އެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޓަނެޓު މެދުވެރިކޮށެވެ. އެ މަހާސިންތާގެ މަޤުސަދަކީ ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގުރީ ސެލްސިޔަސްގައި ހިފެހެއްޓުމަށް ކުރެވޭނެ މަސައްކަތްތައް ރޭވުންކަމަށް ވައިޓު ހައުސުންވަނީ ބުނެފައެވެ.

ގިނަ ދާއިރާތަކަކާ ގުޅޭގޮތުން އެމެރިކާއާއި ޗައިނާއާއި ރަޝިޔާއިން ޚިޔާލު ތަފާތުވި ނަމަވެސް މޫސުމީ ބަދަލުތަކުގެ މައްސަލައަކީ ތިން ޤައުމުންވެސް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާއެއްކަމަށް އެމެރިކާއިން ޤަބޫލުކުރެއެވެ.