އެމެރިކާއަށްވުރެ ޗައިނާ ކުރިއަށް އެރިޔަ ނުދެއްވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ފުރަތަމަ ފަހަރަށް ވައިޓު ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާކަމަށާއި ޗައިނާއިން ބޭނުންވަނީ އެމެރިކާއަށްވުރެ ކުރިއަށް އަރައި އެ މަޤާމު ހޯދަންކަމަށް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ ރައީސްގެ މަޤާމުގައި ބައިޑަން ހުންނެވިހާ ހިނދަކު ދުނިޔޭގެ އެންމެ ބާރުގަދަ އަދި މުއްސަނދި ޤައުމަށް ޗައިނާއަށް ނުވެވޭނެކަމަށް ބައިޑަން ވިދާޅުވިއެވެ. އެކަން ކަށަވަރުކުރުމުގެ ގޮތުން އެމެރިކާއިން އެކި ދާއިރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ޚަރަދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމަނިކުފާނު ނައިބު ރައީސްގެ މަޤާމުގައި ހުންނަވައި ޗައިނާގެ ރައީސް ޝީ ޖިންޕިންނާއެކު ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވިކަމަށް ބައިޑަން ވިދާޅުވިއެވެ. އެގޮތުން ޝީއަކީ ޑިމޮކްރަސީއަށް ތާޢީދު ކުރައްވާ ބޭފުޅެއް ނޫންކަމަށާއި ސަރުކާރު ހިންގެވުމުގައި ޚުދުމުހުތާރުކަމަށް ތާއީދު ކުރައްވާ ބޭފުޅެއްކަން ވަރަށް ރަނގަޅަށް ސާފުވިކަމަށް ބައިޑަން ވިދާޅުވިއެވެ. ޤައުމެއް ހިންގާނެ ގޮތާމެދު ޝީއާއި ރަޝިޔާގެ ރައީސް ވުލަޑްމީރު ޕުޓިން ގެންގުޅުއްވާ ޚިޔާލުފުޅު ވަރަށް އެއްގޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާއާ ކުރިމަތިލާން އެމެރިކާއިން ބޭނުން ނުވާކަން ޝީ އަރިހުގައި ދެންނެވިކަމަށް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ވިޔަފާރީގެ ޤަވައިދުތަކަށާއި އުޞޫލުތަކަށާއި އިންސާނީ ޙައްޤުތަކަށް ޗައިނާއިން ޢަމަލުކުރުމަށް އެމެރިކާއިން ބާރު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.