ކުޅިވަރު

އިޓަލީވިލާތާއި ނޯދަން އައިލަންޑް ބައްދަލުކުރިމެޗް އިޓަލީވިލާތް ކާމިޔާބުކޮށްފި


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ސީގައި އިޓަލީވިލާތާއި ނޯދަން އައިލަންޑް ބައްދަލުކުރިމެޗް އިޓަލީވިލާތް ކާމިޔާބުކޮށްފިއެވެ. އިޓަލީވިލާތުގެ ޕާރމާގައި ކުޅުނު މިމެޗް އެޤައުމުން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި އިޓަލީވިލާތުންވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ އިޓަލީވިލާތުގެ ޑޮމެނިކާ ބޭރާޑީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާ ލީޑު ފުޅާކޮށްދިނީ ތަޖްރިބާކާރު ފޯވަޑް ސީރޯ އިމޮބިލޭއެވެ. މިމެޗްގެ ދެވަނަ ހާފްގައި ނޯދަން އައިލަންޑްއިން އެޓީމްގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެޓީމަށް ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ ގެވިން ވައިޓް އަށާއި ޕެޑީ މެކްނެއަރ އަށެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އިޓަލީވިލާތުން ވާރލްޑް ކަޕްގެ ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފައިވާއިރު ނޯދަަން އައިލަންޑްގެ ކޯޗް ކަމާއި އިއާން އަބަކްލޯ ހަވާލުވިފަހުން އަދި މެޗަކުން މޮޅުވެފައެެއް ނުވެއެވެ. މިއީ އޭނާގެ ކޯޗްތަކުގެ ދަށުން ނޯދަން އައިލަންޑް ކުޅުނު 9 ވަނަ މެޗެވެ. ގްރޫޕް ސީގައި ސްވިޓްޒަލަންޑާއި ބަލްގޭރިއާ ބައްދަލުކުރިމެޗް 3 ލަނޑު އެއްލަނޑުން ވަނީ ސްވިޓްޒަލަންޑް ކާމިޔާބުކޮށްފައެވެ.