ޚަބަރު

އިސްރާއީލުގެ އާބާދީގެ 50 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހައިފި


އިސްރާއީލުގެ އާބާދީގެ ފަންސާސް އިންސައްތަ މީހުން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފިއެވެ.

އިސްރާއީލުގައި ކޯވިޑް-19ގެ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން އުމުރުން 16 އަހަރުން މަތީގެ އެންމެންނަށް ދަނީ ވެކްސިން ދެމުންނެވެ. އެއީ އެ ޤައުމުގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 69 އިންސައްތަ މީހުންނެވެ.

އިސްރާއީލުގެ ޞިއްޙަތާބެހޭ ވަޒީރު ޔޫލީ އެޑެލްސްޓެއިން ވިދާޅުވީ 19 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިސްރާއީލުގެ ފަންސާސް އިންސައްތަ މީހުންނަށް ކޯވިޑް-19ގެ ދެ ޑޯޒް ދީފައިވާކަމަށެވެ. 50.7 އިންސައްތަ މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަމަށާއި 55.96 އިންސައްތަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19ން ރަނގަޅުވުމުގެ ސަބަބުން އާބާދީގެ 8.7 އިންސައްތަ މީހުންނަށްވަނީ ބައްޔާ ދެކޮޅަށް ރައްކާތެރިކަން ލިބިފައެވެ. ކުރިއަށް އޮތް މެއި މަސް ނިމުމުގެ ކުރިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ދެވޭނެކަމަށް އެ ޤައުމުން ޤަބޫލުކުރެއެވެ.

މިދިޔަ ޖަނަވަރީ މަހަށްވުރެ އިސްރާއީލުގައި ކޯވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ނިސްބަތްވަނީ 85 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ބަލީގެ ސަބަބުން ޙާލު ބޮޑުވާ މީހުންގެ ނިސްބަތްވަނީ 72 އިންސައްތަ ދަށަށް ގޮސްފައެވެ. ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ ނިސްބަތްވެސްވަނީ 86 އިންސައްތަ ދަށަށް ގޮސްފައެވެ.

އިސްރާއީލު ފާހަގަވެފައިވަނީ ދުނިޔޭގައި އާބާދީގެ ނިޞްބަތުން އެންމެ ގިނަ ބަޔަކަށް ވެކްސިން ދެމުންދާ ޤައުމުގެ ގޮތުގައެވެ.