ޚަބަރު

މުހިންމު ގޮނޑިތަކެއް ލިބުނު ޢަރަބި ޔަހޫދީ ޕާޓީ ނަތަންޔާހޫއަށް މުހިންމުވެއްޖެ


އިސްރާއީލުގެ އާންމު އިންތިޚާބުގައި ޢަރަބި ޔަހޫދީ ސިޔާސީ ޕާޓީއަކުން މުހިންމު ގޮނޑިތަކެއް ކާމިޔާބުކޮށްފިއެވެ.

ނިޞްބަތުން ކުޑަ ޕާޓީއެއްކަމަށްވާ ދަ ޔުނައިޓެޑް އަރަބް ލިސްޓު، ޔޫއޭއެލުންވަނީ 120 މެންބަރުން ހިމެނޭ އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުގެ ފަސް ގޮނޑި ކާމިޔާބުކޮށްފައެވެ. އެ ޕާޓީން ކާމިޔާބުކޮށްފައިވާ ގޮނޑީގެ ޢަދަދު މަދު ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ބެންޔަމިން ނަތަންޔާހޫ އެ މަޤާމުގައި ދެމިހުންނަވާނެކަން ކަނޑައެޅުމުގައި އެ ޕާޓީން މުހިންމު ދަޢުރެއް ޢަދާކުރުން ގާތެވެ.

ފަލަސްޠީނުގެ ރައްޔިތުންނާމެދު ނަތަންޔާހޫ ގެންގުޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތުތަކެކެވެ. މީގެ ކުރީގެ އިންތިޚާބުތަކަށް ކެންޕެއިނުކުރެއްވުމުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން ސިފަކުރެއްވުމަށް ބަދު ބަސްތަކެއް އޭނާ ބޭނުންކުރައްވާފައިވެއެވެ.

ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ސަރުކާރެއް ޤާއިމުކުރުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު ނުލިބޭނެކަންވަނީ ކަށަވަރުވެފައެވެ. އަދި އިދިކޮޅު ޕާޓީއަކަށްވެސް އަޣުލަބިއްޔަތު ލިބޭނެކަމަކަށް ނުބެލެވެއެވެ. އިދިކޮޅު ޕާޓީއަކުން ނަތަންޔާހޫއަށް ތާޢީދު ނުކޮށްފިނަމަ ސަރުކާރެއް ޤާއިމުކުރުމަށް ޔޫއޭއެލްގެ ތާޢީދު ނަތަންޔާހޫއަށް ބޭނުންވެވަޑައިގަންނަވާނެއެވެ. ޔޫއޭއެލްގެ އިސްވެރިޔާ މަންސޫރު ޢައްބާސަކީ އިސްލާމީ ސިޔާސަތުތަކަށް ތާޢީދުކުރައްވާ ބޭފުޅެކެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓުގެ ޔަމީނާ ޕާޓީގެ ތާޢީދު ލިކޫޑް ޕާޓީއަށް ލިބިއްޖެނަމަ އެ ޕާޓީއަށް އަޣުލަބިއްޔަތު ލިބުމުގެ ފުރުޞަތު އަދިވެސް އޮތްކަމަށް ބައެއް މާހިރުން ބުނެއެވެ.