ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިންގައި ފްރާންސާއި ޔޫކްރެއިން މެޗް އެއްވަރު


2022 ވަނަ އަަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޑީގައި އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފަރަންސޭސިވިލާތާއި ޔޫކްރެއިން ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ފަރަންސޭސިވިލާތުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ފަރަންސޭސި ޤައުމީ ޓީމުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗްގެ 19 ވަނަ މިނެޓްގައި ފަރަންސޭސިވިލާތުގެ އެންޓޮއިން ގްރީޒްމަން ލަނޑެއް ޖަހާ އެޤައުމަށް ލީޑު ނަގައިދިނެވެ. މިއީ ގްރީޒްމަން ޤައުމީ ޓީމަށް ޖަހައިދިން 34 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މިމެޗުން ފަރަންސޭސިވިލާތް ފަސޭހަ ކަމާއެކު ކާމިޔާބުކުރާނެކަމަށް ޤަބޫލް ކުރެވުނު ނަމަވެސް ޔޫކްރެއިންގެ ޑިފެންސް ރަނގަޅު ކަމުންނާއި ފަރަންސޭސި ޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން މިމެޗްގައި އިތުރު ލަނޑެއް އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ޔޫކްރެއިންއިން ޖެހި ހަމައެކަނި ލަނޑަކީ މެޗްގެ 57 ވަނަ މިނެޓްގައި ފަރަންސޭސި ޑިފެންޑަރ ޕްރެސްނެލް ކިމްޕެންބޭ ގައިގައި ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ.

ގްރޫޕް ޑީގައި ހިމެނޭ ފިންލަންޑް އާއި ބޮސްނިއާ ހަރޒަގޮވީނާ ބައްދަލުކުރިމެޗް ވެސް ނިމުނީ އެއްވަރުވެގެންނެވެ. ފިންލަންޑްގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑު އެއްވަރުވެގެންނެވެ. މިމެޗްގައި ފިންލަންޑްގެ ދެލަނޑު ޓީމޫ ޕޫކީ ޖަހައިދިން އިރު ބޮސްނިއާ ހަރޒަގޮވީނާގެ ދެލަނޑު ޖަހައިދިނީ މިރޮސްލާވް ސްޓެވަނޮވިޗް އާއި މިރެލެމް ޕިޔަނިޗްއެވެ.