ކުޅިވަރު

ކްލިޕަރސް އާއި ސްޕަރސް ބައްދަލުކުރިމެޗް ކްލިޕަރސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް ކްލިޕަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ކްލިޕަރސް ކާމިޔާބުކުރީ 134 ޕޮއިންޓް 101 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނެގި ކައުހީ ލިއޮނާރޑްއެވެ. އަދި ސްޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދިން ޑިމާރ ޑިރޮޒާންއެވެ.

މިމުބާރާތުގައި އޯލާންޑޯ މެޖިކް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 111ޕޮއިންޓުގެ ކުޑަތަފާތަކުން ކާމިޔާބުކުރީ މެޖިކްއެވެ. މިމެޗްގައި މެޖިކްގެ ނިކޮލާ ވުސެވިޗްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާފައެވެ. ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދިން ޑެވިން ބޫކަރއެވެ. މީގެއިތުރުން މިލްވައުކީ ބަކްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ކްރިސް މިޑްލްޓަންވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާފައެވެ. އަދި ސެލްޓިކްސްގެ ޖޭލަން ބްރައުންވަނީ އެޓީމަށް 24 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ.
މިސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންދާ ދެޓީމް ކަމަށްވާ ޔޫޓާ ޖޭޒް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 88 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް އެޓީމަށް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނެގި އެލީޒް ޖޯންސަންއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އިންޑިއާނާ ޕޭސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 111 ޕޮއިންޓުން ޕޭސަރސް ކާމިޔާބުކުރިއިރު ޓޮރޮންޓޯ ރެޕްޓަރސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 135 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސް އެވެ. އަދި ކްލީވްލަންޑް ކެވެލިއަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 94 ޕޮއިންޓުން ކެވެލިއަރސް ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި މިނެސޯޓާ ޓީމްބަރވުލްވްސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ.