ކުޅިވަރު

ހޮންކޮންގ މެޗު މާލޭގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑުވެއްޖެ


ވަރލްޑްކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު މާލޭގައި ހޮންކޮންގއާއި ވާދަކުރަން އޮތް މެޗު ހަމަޖެހިފައިވާ ގޮތަށް، މާލޭގައި ކުޅުމުގެ ފުރުޞަތު ބޮޑުކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން މުޙައްމަދު ޝަވީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެމެޗު މާލޭގައި ކުޅެވޭނެކަމާއި މެދު ސުވާލު އުފެދިފައި ވަނިކޮށް، ސަލާމަތީ ގޮތުން މައްސަލައެއް ދިމާނުވާނެކަމުގެ ޔަޤީންކަން އަނގަބަހުން ދިވެހި ސިފައިން މިރޭ ދެއްވައިފިކަމަށެވެ. ލިޔުމުންވެސް އެޔަޤީންކަން މިރޭ ނުވަތަ މާދަމާ ހެނދުނުގެ ވަގުތެއްގައި ދެއްވާނެކަމުގެ ޔަޤީންކަން ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް މިރޭ ދެއްވާފައިވާކަމަށް ޝަވީދު ވިދާޅުވިއެވެ. ނަމަވެސް ފީފާއިން އެކަން ޤަބޫލުކުރާނީ ލިޔުމުން އެޔަޤީންކަން ދެއްވުމުންކަމަށް ޝަވީދު ވިދާޅުވިއެވެ. ފީފާއަށް އަނގަބަހުން މިހާރު އެޔަޤީންކަން ދެއްވާފައިވާކަމަށާއި، ޒިޔުރިކް ގަޑިން މާދަމާ ހެނދުނު އަށެއް ޖެހުމާއި ހަމައަށް ފީފާއިން ބަލާނެކަމުގެ ޔަޤީންކަންވެސް ދީފައިވާކަމަށް ޝަވީދު ވިދާޅުވިއެވެ. ފުރަތަމަ ފީފާއިން އެއްބަސްވީ ރާއްޖެ ގަޑިން މިރޭ އަށެއްގެ ކުރިން ސަލާމަތީ ކަންތައްތައް ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ލިޔުމުން ދިނުމަށެވެ. ނަމަވެސް ފީފާއިން މިހާރު ވަގުތު އިތުރުކޮށްދެއްވާފައިވާކަމަށް ޝަވީދު ވިދާޅުވިއެވެ. އެހެންކަމުން މެޗު މާލޭގައި ކުޅެވުމުގެ ފުރުޞަތު ބޮޑުކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން ޤަބޫލުކުރައްވައެވެ.