ޚަބަރު

ޕާކިސްތާނާއެކު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާކަމަށް އިންޑިޔާއިން ބުނެފި


އިންޑިޔާއިން ޕާކިސްތާނާއެކު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާކަމަށް ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިޓީއެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނު ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް މޯދީ ފޮނުއްވި ސިޓީގައި އެމަނިކުފާނު ވިދާޅުވީ އަވަށްޓެރި ޤައުމެއްގެ ޙައިޞިއްޔަތުން ޕާކިސްތާނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އިންޑިޔާއިން ބޭނުންވާކަމަށެވެ. ނަމަވެސް އެކަން ޙާޞިލުކުރެވޭނީ ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކޮށް ބިރުވެރިކަން ނައްތާލެވިފައިވާ މާޙައުލެއް ޤާއިމުކޮށްގެންކަމަށް މޯދީ ވިދާޅުވިއެވެ.

ޕާކިސްތާނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އިންޑިޔާއިން ބޭނުންވާކަމަށް މޯދީ ވިދާޅުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމުގެ އިޝާރާތްތަކެއް ފެންނަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ދުވަސްކޮޅެއް ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ އިންޑިޔާއާއެކު ގާތް ގުޅުމެއް ބާއްވަން ޕާކިސްތާނުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމުގެ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމަށް ޕާކިސްތާނުން މީގެ ކުރިން ކޮށްފައިވާ މަސައްކަތްތައް އިންޑިޔާއިން ބަލައިގެންފައި ނުވާތީ ގުޅުން ރަނގަޅު ކުރުމަށް ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އިންޑިޔާއިންކަމަށް އޭނާވަނީ ވިދާޅުވެފައެވެ.