ޚަބަރު

އެމެރިކާގެ އާންމުން ހަނގުރާމަމަތީ ހަތިޔާރު ގެންގުޅުން ހުއްޓުވަން ބައިޑަން ގޮވައިލައްވައިފި


އެމެރިކާގެ އާންމުންނަށް ހަނގުރާމަމަތީ ހަތިޔާރު ނުގެންގުޅެވޭ ގޮތް ހެދުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގޮވައިލައްވައިފިއެވެ. އޭނާ އެހެން ގޮވާލައްވާފައިވަނީ އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓުގައި ދިން ބަޑީގެ ޙަމަލާއެއްގައި 10 މީހުން މަރުވި ޙާދިޘާއާ ގުޅުވައިގެންނެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ އެޓުލާންޓާ ސިޓީގައި ދިން ބަޑީގެ ޙަމަލާއެއްގައި 8 މީހުންވަނީ މަރުވެފައެވެ. ކައިރި ކައިރީގައި ބަޑި ޖެހުމުގެ ނުރައްކާތެރި ދެ ހާދިޘާއެއް ހިނގުމުން އެމެރިކާގެ އާންމުން ހަތިޔާރު ގެންގުޅޭ މައްސަލައަށް އަނެއްކާވެސް އެ ޤައުމުގެ މުޖްތަމަޢުގެ ސަމާލުކަންވަނީ ހުއްޓިފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އާންމުންގެ ފުރާނަ ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުން އެންމެ ހިނދުކޮޅަކަށްވެސް ލަސްކުރެއްވެން ނެތްކަމަށެވެ. ހަނގުރާމަމަތީ ހަތިޔާރު ގެންގުޅުން މަނާކުރުމަކީ އެޅިދާނެ ފިޔަވަޅެއްކަމަށާއި އެއީ އެމެރިކާގެ ރައްޔިތުންގެ ފުރާނަ ރައްކާތެރިކޮށްދޭނެ ފިޔަވަޅެއްކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ މުޅި ޤައުމުގެ މަސްލަހަތާ ގުޅުންހުރި މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އާންމުން ހަތިޔާރު ގެންގުޅުމަކީ އެ ޤައުމުގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ.