ޚަބަރު

ސްރީ ލަންކާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ މަޢުލޫމާތު އެއްކުރަނީ


ސްރީ ލަންކާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ މަޢުލޫމާތު އެއްކުރުމުގެ އިޚްތިޞާސް އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުގެ އިސްވެރިޔާއަށް ލިބޭ ޤަރާރެއް އެ ކައުންސިލުން ފާސްކޮށްފިއެވެ.

1983ވަނަ އަހަރުން 2019ވަނަ އަހަރާ ދެމެދު ސްރީ ލަންކާގެ ސަރުކާރާއި އެ ޤައުމުން ވަކިވެގަންނަން މަސައްކަތް ކުރި ތަމަޅަ ޓައިގަރުންނާ ދެމެދު ކުރި ދާޚިލީ ހަނގުރާމައިގައި 100،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ފަހު ދުވަސްތަކުގައި ސްރީ ލަންކާގެ އަސްކަރިއްޔާއިން މަރާލާފައިވާ ތަމަޅަ ދަރިކޮޅަށް ނިސްބަތްވާ 40،000އަށްވުރެ ގިނަ އާންމުން ހިމެނެއެވެ.

ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައާ ގުޅޭގޮތުން އދން ތައްޔާރުކުރި ރިޕޯޓުތަކުގައި ސްރީ ލަންކާގެ ސަރުކާރުގެ ފައުޖުތަކުން ހަސްފަތާލުތަކަށް ޙަމަލާދީ ވަކި އަމާޒެއް ނެތި ވައިގެ ޙަމަލާތައް ދީފައިވާކަމަށްވަނީ ފާހަގަކޮށްފައެވެ. އަދި އަމާން ދިން އިދިކޮޅު ހަނގުރާމަވެރިން މަރާއި ބައިމަދު ތަމަޅައިންގެ އެތައް ހާސް މީހުން ގެއްލުވާލާފައިވާކަމަށް އެ ރިޕޯޓުތަކުގައިވަނީ ބުނެފައެވެ. ނަމަވެސް ސްރީ ލަންކާގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމަށް ކުރެވޭ ތުހުމަތުތައް އެ ޤައުމުގެ ސަރުކާރުން ދޮގު ކުރެއެވެ.

ސްރީ ލަންކާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ މަޢުލޫމާތު އެއްކުރުމަށް ޙުއްދަ ދޭ ޤަރާރުގެ ދަށުން އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ އިސްވެރިޔާ މިޝެލް ބަޝްލެއަށް އެ ޖަރީމާތަކާ ގުޅޭ މަޢުލޫމާތުތަކާއި ހެކިތައް އެއްކޮށް ރައްކާކުރުމަށް ފުރުޞަތު ލިބޭނެއެވެ. އެ ޤަރާރުގައި ސްރީ ލަންކާގައި ޤާނޫނީ މިނިވަންކަން ނެތުމާއި ބައިމަދު މީހުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި ކުށްކުރާ މީހުންނަށް ޢަދަބު ނުދީ އެ މީހުން ސަލާމަތްވުމަށް ފުރުޞަތު ދޭކަން ފާހަގަކޮށް އެކަމަށްވަނީ ފާޑުކިޔައިފައެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ސްރީ ލަންކާގެ ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތައް ކޯވިޑް-19ގެ ސަބަބުން އިތުރަށް ހާމަވެގެން ގޮސްފައިވާތީ އެކަމާމެދު އެ ޤަރާރުގައި ކަންބޮޑުވުން ފައުޅުކޮށްފައިވެއެވެ.

އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުގެ ޤަރާރު ފާސްކުރުމަށް ވޯޓު ދީފައިވަނީ 22 ޤައުމުންނެވެ. އެ ޤަރާރާ ދެކޮޅަށް ޕާކިސްތާނާއި ޗައިނާ ހިމެނޭ ގޮތަށް 11 ޤައުމަކުން ވޯޓު ދިނެވެ. އިންޑިޔާ ހިމެނޭ ގޮތަށް 14 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.