ޚަބަރު

ކޮކްސް ބާޒާރުގެ އަލިފާނުގެ ޙާދިޘާގައި 400 މީހުން ގެއްލިއްޖެ


ބަންގުލަދޭޝްގެ ކޮކްސް ބާޒާރުގައި ރޮހިންޔާ ނަސްލުގެ މީހުން ދިރިއުޅޭ ސަރަޙައްދެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައި 400 މީހުން ގެއްލިއްޖެއެވެ. މިއީ 2017ވަނަ އަހަރުގެ ފަހުން ރޮހިންޔާ ނަސްލުގެ މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ޙާދިޘާއެވެ.

އދގެ ރެފިއުޖީންނާބެހޭ އިދާރާއިން ބުނާގޮތުގައި އަލިފާނުގެ ޙާދިޘާގައި 11 މީހުން މަރުވެ 550އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އޭގެ އިތުރުން 400 މީހުން އެ ޙާދިޘާގައި ގެއްލިފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އަލިފާނުގެ ޙާދިޘާގައި ރޮހިންޔާ މީހުން ދިރިއުޅޭ 40،000 ޖިފުޓި ބޭނުން ނުކުރެވޭ ވަރަށް އެންދުމުން 45،000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

ބަންގުލަދޭޝްގެ ކާރިޘާތަކާބެހޭ ވުޒާރާއިން ބުނީ އެ ސަރަޙައްދުގައި ހުރި ދެ ހަސްފަތާލެއްވެސް އަލިފާނުގެ ހާދިޘާގައި އަނދައި ހުލިވެފައިވާކަމަށެވެ. އެއީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން، އައިއޯއެމްގެ ހަސްފަތާލަކާއި ތުރުކީވިލާތުގެ ސަރުކާރުން ޤާއިމުކޮށްފައިވާ ހަސްފަތާލެކެވެ.

ބަންގުލަދޭޝްގެ ތަހުޤީޤީ އިދާރާތަކުން ބުނީ އަލިފާނުގެ ހާދިޘާ ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ. އެ ހާދިޘާ ތަހުޤީޤުކުރުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއްވަނީ އެކުލަވައިލައިފައެވެ.

ބަންގުލަދޭޝުގައި ރޮހިންޔާގެ މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ 2017ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ހިންގަން ފެށި ބޮޑެތި ޖަރީމާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ މީހުންނެވެ.