ހުޅަނގުގެ އަސްކަރީ އިއްތިޙާދު ނޭޓޯގެ ކަންކަން އަލުން އިޞްލާޙުކޮށް ކުރިއެރުވުމަށް އެމެރިކާއިން މަސައްކަތް ކުރާނެކަމަށް އެމެރިކާއިން ބުނެފިއެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ ނޭޓޯއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުގައި ނޭޓޯއަކީ ބައިބައިވެފައިވާ ޒަމާނަށް ނުފެތޭ އިއްތިޙާދެއްކަމަށް އެމެރިކާއިން ދިޔައީ ބުނަމުންނެވެ.
އެމެރިކާގެ ވެރިކަމާ ޖޯ ބައިޑަން ޙަވާލުވެވަޑައިގެންނެވި ފަހުން ނޭޓޯގައި ހިމެނޭ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވަނީ ބައިވެރިވެވަޑައިގެންފައެވެ. ނޭޓޯގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރެއްވުމަށްހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބުލިންކެން ވިދާޅުވީ އެމެރިކާގެ އެކުވެރިންނާއެކު އޮތް ގުޅުން އަލުން އިޢާދަކުކުރުމުގައި ނޭޓޯގެ ބައިވެރިންނަށް އިސްކަންދީ އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަމަށެވެ. އަމިއްލަ ޤައުމުގައި ހުރި ނުކުޅެދުންތެރިކަމަކަށް އެއްބަސްވުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ބުލިންކެން ވިދާޅުވީ އެކަމަށް އިޢުތިރާފުވުމުން އެމެރިކާއަށް ކުރިއެރުން ލިބިފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ. ބްލިންކެން ވިދާޅުވީ ޗައިނާގެ އަސްކަރީ ކުރިއެރުންތަކާއި ހުޅަނގުގެ ހަމަޖެހުމަށް ބާރު ފޯރުވުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ނޭޓޯގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
ތުރުކީވިލާތުން ރަޝިޔާގެ ހަތިޔަރު ގަތުމުން ނޭޓޯގެ ދިފާޢީ ރޭވުންތަކަށް 2019ގެ ތެރޭގައި ހުރަސްއެޅުނުކަމަށާއި ތުރުކީވިލާތުން ނޭޓޯއަށް ފުރިހަމައަށް އެއްބާރުލުންދީގެން މަސައްކަތް ކުރުމަށް ބުލިންކެންވަނީ ގޮވައިލައްވައިފައެވެ.