ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސަޢުދީ ޢަރަބިއްޔާއިން ހުށަހަޅައިފިއެވެ.
ޔަމަނުގައި ޙަރަކާތްތެރިވާ އިދިކޮޅު ހޫޘީ ޖަމާޢަތާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އެކުލަވާލާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުން ދަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެ އިއްތިޙާދުންވަނީ ހޫޘީން ހަތިޔާރު ހޯދުމަށް ކުރާ މަސައްކަތަށް ދަތިކުރުމުގެ ގޮތުން އެ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮންނަ ސަންޢާގެ ވައިގެ ބަނދަރާއި ހުދައިދާގެ ބަންދަރު ބަންދުކޮށްފައެވެ.
ޔަމަނުގައި ޞުލްޙަ ޤާއިމުކުރުމަށް ސަޢުދީ ޢަރަބިއްޔާއިންވަނީ އައު ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެގޮތުން ޔަމަނުގެ ހުރިހާ ސަރަޙައްދެއްގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލައި ވައިގެ މަގުތަކާއި ކަނޑުގެ މަގުތައް ހުޅުވުމަށް ސަޢުދީ ޢަރަބިއްޔާއިންވަނީ ހުށަހަޅައިފައެވެ. ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އާލްސަޢުދު ވިދާޅުވީ ސަންޢާގެ ވައިގެ ބަނދަރު އަލުން ހުޅުވުމާއި ހުދައިދާގެ ބަނދަރު މެދިވެރުކޮށް ޔަމަނަށް ތެލާއި ކާބޯތަކެތި އެތެރެކުރުމުގެ ހުއްދަ ދިނުމަށް އެ ޤައުމުން ހުށަހަޅާފައިވާކަމަށެވެ. އޭގެ އިތުރުން ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދު ސިޔާސީ މަޝްވަރާތައް ފެށުމަށްވެސް ސަޢުދީ ޢަރަބިއްޔާއިންވަނީ ހުށަހަޅައިފައެވެ.
ސަޢުދީ ޢަރަބިއްޔާގެ ހުށަހެޅުންތަކަށް ޔަމަނުގެ ސަރުކާރުންވަނީ މަރުޙަބާ ކިޔައިފައެވެ. ނަމަވެސް ހޫޘީން ބުނީ ސަޢުދީ ޢަރަބިއްޔާގެ ހުށަހެޅުންތައް ނުފުދޭކަމަށާއި އެ ހުށަހެޅުންތަކުގައި އެއްވެސް އައު ކަމެއް ނުހިމެނޭކަމަށެވެ. ހޫޘީން އެދޭ ގޮތަށް ސަންޢާގެ ވައިގެ ބަނދަރާއި ހުދައިދާގެ ބަންދަރުގައި އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވައި ނުލާކަމަށް އެ ޖަމާޢަތުން ފާހަގަކުރެއެވެ. ހުރިހާ ފިޔަވަޅުތަކެއް އުވާލައި ސަޢުދީ ޢަރަބިއްޔާއިން ހިފަހައްޓާފައިވާ 14 ބޯޓެއް ދޫކޮށްލާނެކަމަށް އުންމީދު ކުރިކަމަށް އެ ޖަމާޢަތުން ބުނެއެވެ.