ޚަބަރު

ހިޖުރަވެރިންގެ މައްސަލަ ޙައްލު ކުރުމަށް އެމެރިކާގެ މަންދޫބުން މެކްސިކޯއާއި ގުއަޓަމާލާއަށް


ޤަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާ ހިޖުރަވެރިންގެ މައްސަލަ ޙައްލު ކުރުމަށް މެކްސިކޯއާއި ގުއަޓަމާލާގެ އެހީތެރިކަމަށް އެމެރިކާއިން އެދޭނެކަމަށް އެ ޤައުމުން ބުނެފިއެވެ.

އެމެރިކާއާއި މެކްސިކޯ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް އެތެރެވާ ހިޖުރަވެރިންގެ ޢަދަދު އިތުރުވަމުންދާތީ އެ މައްސަލައަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރުމަށް އެމެރިކާގެ ޚާއްޞަ މަންދޫބުންތަކެއްވަނީ މެކްސިކޯއަށާއި ގުއަޓަމާލާއަށް ފޮނުވައިފައެވެ. އެކަމާ ގުޅޭގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ވިދާޅުވީ މަންދޫބުން ފޮނުވުމުގެ މައިގަނޑު މަޤްޞަދަކީ މެކްސިކޯއާއި ގުއަޓަމާލާގެ ރަސްމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުންކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު ހިޖުރަވެރިންނާ ދެކޮޅަށް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކަށް ލުއި ދެއްވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް ލުއިތައް ދިނުމުން އަނިޔާވެރިކަމާއި ގުދުރަތީ ކާރިޘާތަކާއި އިޤްތިޞާދީ ދަތިތަކުން ސަލާމަތްވުމަށް ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް އެތެރެވުމަށް މަސައްކަތްކުރާ މީހުންގެ ޢަދަދު ފާއިތުވި ދުވަސްތަކުގައި އިތުރުވުމުން އެމެރިކާގެ ސަރުކާރަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.