ޚަބަރު

ޝިންޖިއާންގެ މައްސަލައިގައި ހުޅަނގުގެ ޤައުމުތަކުން ފިޔަވަޅު އަޅައިފި


ޗައިނާގެ ޝިންޖިއާން ޕްރޮވިންސުގައި އެ ޤައުމުގެ ސަރުކާރުން ހިންގާ އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ކެނެޑާއިން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ހުޅަނގުގެ ޤައުމުތަކުން ގުޅިގެން ޗައިނާއާ ދެކޮޅަށް އެޅި ފުރަތަމަ ފިޔަވަޅެވެ.

ޗައިނާގެ ސަރުކާރުން ޝިންޖިއާނުގައި އުއިގުރު ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށް އެ މީހުންނަށް އަނިޔާކުރާކަމަށް ހުޅަނގުގެ ޤައުމުތަކުން ތުހުމަތުކުރެއެވެ. އަދި އެ މައްސަލާގައި ޗައިނާ ޖަވާބުދާރީ ކުރުވުމަށް ހުޅަނގުގެ ޤައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ޗައިނާއާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް އެ ޤައުމުން ދެކޮޅު ހަދައެވެ. ޗައިނާއިން ބުނަނީ އެތައް ހާސް މުސްލިމުންނެއް ޝިންޖިއާނުގައި ބަންދުކޮށްފައިވަނީ ތަފާތު ތަމުރީނުތައް ދިނުމަށްކަމަށާއި ޙައްދުފަހަނަ އެޅުމާއި ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށެވެ.

ހުޅަނގުގެ ސަރުކާތުތަކުން ގުޅިގެން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކަށް ޗައިނާއިންވަނީ ވަގުތުން ރައްދު ދީފައެވެ. އެގޮތުން ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި ޚާރިޖީ ފަރާތްތަކާއި އެ މީހުންގެ ޢާއިލާތަކާއި ރަސްމީ އިދާރާތަކާ ދެކޮޅަށް ޗައިނާއިންވަނީ ފިޔަވަޅު އަޅައިފައެވެ. އަދި އެ މީހުންނާ ގުޅުން އޮންނަ ވިޔަފާރިތަކަށް ޗައިނާއާއެކު ވިޔަފާރި ނުކުރެވޭނެކަމަށްވަނީ ނިންމައިފައެވެ. އެފަދަ ފަރާތްތަކަކީ ޗައިނާގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށްވެސް ޗައިނާއިންވަނީ ކަނޑައަޅައިފައެވެ.