ކުޅިވަރު

ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ބައްސާމް ގޮވާލައްވައިފި


ފުޓްބޯޅަ ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކަމާއި ގުޅުން ހުރި ހުރިހާ އިދާރާތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޮވާލައްވައިފިއެވެ.

މާލޭގައި ކޯވިޑް-19އިގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިދިޔަ މަހުގެ ތިންވަނަ ދުވަހު އެޗްޕީއޭގެ އެންގެވުމަށްވަނީ ފުޓްބޯޅަ ލީގް ހުއްޓާލާފައެވެ. މާލޭގެ ކޯވިޑް-19އިގެ ކޭސްތައް މިއަހަރު ފެށުނީއްސުރެން ފެށިގެން އިތުރުވާން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭއިން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައްވަނީ މިދިޔަ ބުރާސްފަތި ދުވަހު އަލުން އެއް ހަފްތާއަށް އިތުރުކޮށްފައެވެ. އެޗްޕީއޭގެ އެންގެވުމާއި އެއްގޮތަށް ފުޓުބޯޅަ ލީގް ހުއްޓާލަން ޖެހުމާއި ގުޅިގެން މިހާރު އެންމެ ބޮޑު ގެއްލުމެއްވަނީ ކުލަބް އީގަލްސް އާއި މާޒިޔާއަށެވެ. ލީގް ނުފެށި ލަސްވުމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ކަންބޮޑުވުން ފާޅުކޮށް ކުޅުންތެރިންގެ ޙައްޤުތައް ހޯދާދިނުމަށް ގޮވާލާފައެވެ.

އެފްއޭއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ފުޓުބޯޅަ ލީގް ފެށުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ސަރުކާރާއި މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީއޭއާއެކު ޔޫތު މިނިސްޓްރީން ބައްދަލުވުންތައް ބޭއްވި ނަމަވެސް، ލީގް ފެށުމަށް އެއްވެސް އަލިމަގެއް މިހާތަނަށް ފެނިފައިނުވާކަމަށެވެ. އޮފީސްތަކާއި ކުންފުނިތައް ހުޅުވާ، ވަޒީފާތަކަށް މީހުންނަށް ދެވޭއިރު، ފުޓްބޯޅަ ކުޅުމަކީވެސް ބައެއްގެ ވަޒީފާކަމަށްވާއިރު، މިކަން ކުރުމަށް ހުއްދަ ދިނުމަށް އެދޭކަމަށް މިބަޔާނުގައިވެއެވެ. ބައްސާމް ވިދާޅުވީ މިހާރު ފުޓްބޯޅައަކީ ކުޅިވަރަކަށް ވުރެއް ބޮޑަށް ވަރަށް ގިނަ ބަޔަކު އާމްދަނީ ހޯދުމަށް މިހާރު ކުރާ މަސައްކަތެއް ކަމަށާއި ލީގު ނުފެށި ލަސްވާ ކޮންމެ ދުވަހަކީ ވަރަށް ގިނަ ބަޔަކަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިލާންޖެހޭ ދުވަސްތަކެއް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ރާއްޖެއަށް ވުރެ ބޮޑަށް ކޯވިޑްގެ ކޭސްތައް އިތުރުވެފައިވާ ގައުމުތަކުންވެސް ފުޓްބޯޅަ ކުޅެން ހުއްދަ ދީފައިވާކަން ފާހަގަކުރައްވަމުން، އަވައްޓެރި އިންޑިޔާފަދަ ގައުމުތަކުގެ ޓީމްތަކާއި ރާއްޖޭގެ ޓީމްތަކުން އޭއެފްސީ ކަޕްގައި ވާދަކުރަންޖެހޭއިރު، ރާއްޖޭގެ ލީގް ނުފެށި، ހަމައެކަނި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެން، ރާއްޖޭގައި މެޗްތައް ކުޅުނު ނަމަވެސް އޭގެ ހަގީގީ ފައިދާ ރާއްޖޭގެ ޓީމްތަކަށް ނުކުރާނެކަމަށްވެސް އެފްއޭއެމުން ނެރުނު ބަޔާނުގައި ބައްސާމް ވިދާޅުވެފައިވެއެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫފް، ގުރޫޕް ޑީގައި ހިމެނޭ ގައުމްތައްކަމަށްވާ ބަންގްލަދޭޝް، އިންޑިޔާ، ބޫޓާންގެ ޓީމްތަކުން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާއިރު، އެގައުމުތަކުގެ ލީގުތައްވެސް ކުރިއަށްދާކަމަށެވެ. އަދި ރާއްޖޭގެ ލީގް ނުފެށި ލަސްވާތީ އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ ކުލަބްތަކުގެ މުބާރާތްތަކުގެ އިތުރުން ގައުމީ ޓީމަށްވެސް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށެވެ.

އަންނަ ރަމަޟާން މަހަށްފަހު ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފައިންގެ ކުރިން ކުލަބްތަކުން އޭއެފްސީ ކަޕްގައި ރަގަނޅު ކުޅުމެއް ދެއްކުމަކީ ގައުމީ ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމެއް ކަމަށާއި ރާއްޖޭގެ ޓީމުތަކަށް މިލިބޭ ފުރުސަތު ގެއްލިގެން ދިއުމަކީ މުޅި ދިވެހި ފުޓްބޯޅައަށް އޭގެ އަސަރު ކުރާނެކަމެއްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ ތިން ވަނަ ޑިވިޝަން ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލިއިރު ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅުންތެރިން ގެނެސް ޕްރެކްޓިސްތައް ވެސް ފަށާފައެވެ. ފުޓްބޯޅަ ނުފެށި ލަސްވާ ކޮންމެ ދުވަހަކީ މި ޓީމުތަކަށް ވެސް މާލީ ގޮތުން ގެއްލުންތަކެއް ކުރިމަތިވެދާނެކަމެއްކަމަށާއި ފުޓްބޯޅައިގެ މުބާރާތްތައް ހުއްޓާލައިގެން ތިބުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.