ޚަބަރު

"ހައްދު" އާއި "ބަވަތި" އިންޑިއާގެ ފިލްމް ފެސްޓިވަލަށް


އިންޑިއާގެ ކަރަނާޓަކާގެ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިކުރާ ދެ ފިލްމުގެ ގޮތުގައި "ހައްދު އަދި "ބަވަތި" ކަނޑައަޅައިފިއެވެ.

މި ފެސްޓިވަލުގައި ރާއްޖެއިން ފިލްމު ބައިވެރިކުރަނީ އަމިއްލަ އެންޖީއޯއެއްކަމަށްވާ މޯލްޑިވްސް ސޮސައިޓީ އޮފް ފާރފޯމިން އާޓްސްގެ ފަރާތުންނެވެ. އެމްއެސްޕީއޭ އަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހި ފަންނާނުން ކުރިއަރުވާ އެ ފަރާތްތަކުގެ އަގުވަޒަންކުރުމާއި މީހުން ބިނާކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާއިން އިން ބުނީ އަންނަ މޭމަހު 18 އިން 25 އަށް އޮންނަ ކަރަނާޓަކާގެ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމު "ހައްދު" އަދި "ބަވަތި" ބައިވެރިކުރަން ނިންމާފައިވާކަމަށެވެ. މި ފިލްމު ފެސްޓިވަލަކީ އިންޑިއާ ސިނަމާތަކަށް 100 އަހަރު ފުރުން ފާހަގަކުރުމަށާއި ކަންނާޑާ ސިނަމާތަކަށް 87 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލަކެވެ. "ނަވާ ކަރްނާޓަކާ އެކަޑަމީން" ބާއްވާ މި ފެސްޓިވަލް އޮންނާނީ
ކަރްނާޓަކާގެ ދެ ސިޓީިކަމުގައިވާ ދާރުވާރާއި ހުބްލީގައެވެ.

2016 ވަނައަހަރު ސެޕްޓެމްބަރު މަހު ރިލީޒްކުރި ދިވެހި ފިލްމު "ހައްދު" އަކީ މަޝްހޫރު ޑައިރެކްޓަރ ޕްރޮޑިއުސަރ އަބްދުލްފައްތާހާއި މަޝްހޫރު އެކްޓެރެސް، ޕްރޮޑިއުސަރ، ޑައިރެކްޓަރ ނިއުމާ މުހައްމަދުގެ އުފެއްދުމެކެވެ. މަރިޔަމް އައްޒައާއި އައިމިނަތު ރިޝްފާގެ އިތުރުން އަލަށް ތައާރަފުވި އަހްމަދު ޝިބާން ފެނިގެންދިޔަ މި ފިލްމުވަނީ ކާމިޔާބު ގިނަ ޝޯތަކެއް މާލެއާއި އަތޮޅުތެރޭގައި ދައްކާފައެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ވަނަދުވަހު ރިލީޒްކުރި "ބަވަތި" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ ސަސްޕެންސް ތްރިލާއެކެވެ. މިފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ނުޒުހަތު ޝުއައިބާއި އަލަށް ފިލްމީ ދާއިރާއަށް ނުކުތް އަހްމަދު އިފްނާޒް ފިރާގެވެ. އައި ފިލްމްސްގެ "ބަވަތި" ވެގެންގޮސްފައިވަނީ އެ އަހަރުގެ އެންމެ ސަޕްރައިޒިން އެއް ފިލްމަށެވެ.