ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރކަމުން ފިޔާޒް އިސްތިއުފާ ދެއްވައިފި


އިންފޮމޭޝަން ކޮމިޝަނަރ ކަމުން ހުސައިން ފިޔާޒް މޫސާ މިއަދު އިސްތިއުފާދެއްވައިފިއެވެ. ފިޔާޒް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރްޖަމާން މުހައްމަދު މަބްރޫކް އަޒީޒްވަނީ ޔަޤީންކޮށްދެއްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނރ ކަމުން ފިޔާޒް އިސްތިއުފާ ދެއްވީ ނޫހެއް ހިންގުމަށް ކަމަށް ބައެއް ނޫސްތަކުގައިވަނީ ހާމަކޮށްފައެވެ.
ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2019 އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހުއެވެ.

ޙުސައިން ފިޔާޒު މޫސާއަކީ، 2000 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގެ އެކިފަންތީގެ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ފިޔާޒު އެންމެފަހުން އަދާކުރައްވާފައިވާ ވަޒީފާއަކީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ މަޤާމެވެ. ފިޔާޒު ވަނީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ބެޗެލަރްސް ޑިގްރީ ހާޞިލްކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު:1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.