ޚަބަރު

ރަޝިޔާގެ ހަތިޔާރު ނުގަތުމަށް އެމެރިކާއިން އިންޑިޔާއަށް ބާރު އަޅައިފި


ރަޝިޔާއިން އުފައްދާ ހަތިޔާރު ނުގަތުމަށް އެކުވެރި ޤައުމުތަކަށް އެމެރިކާއިން ބާރު އަޅައިފިއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު އޮސްޓިން ލޮޔިޑު އިންޑިޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ރަޝިޔާއިން އުފައްދާ އެސް400 ދިފާޢީ ނިޒާމު ގަތުމަށް އިންޑިޔާއިން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން އެ ޤައުމުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ. އެ މަޝްވަރާތަކުގައި އެމެރިކާގެ އެކުވެރި ޤައުމުތަކުން ރަޝިޔާއިން އުފައްދާ ހަތިޔާރު ގަތުމަށް ނޭދޭކަމަށް އޭނާ ވިދާޅުވިއެވެ.

2019ވަނަ އަހަރުގެ ތެރޭގައި އެސް400 ދިފާޢީ ނިޒާމު ގަތުމަށް އިންޑިޔާއިންވަނީ 800 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. އެސް400 ދިފާޢީ ނިޒާމުތައް މިހާތަނަށް އިންޑިޔާއަށް ގެންގޮސްފައި ނުވާތީ އެ ޤައުމާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅެއް އަޅަން ނިންމާފައެއް ނުވެއެވެ. ތުރުކީވިލާތުން އެސް400 ދިފާޢީ ނިޒާމު ގަތުމުން އެމެރިކާއާއެކު އޮތް ގުޅުމަށްވަނީ ބުރޫއަރާފައެވެ.

އިންޑިޔާއަށް އެންމެ ގިނަ ހަތިޔާރު ވިއްކާ އެއް ޤައުމަކީ އެމެރިކާއެވެ. އެމެރިކާގައި އުފައްދާ ހަނގުރާމަމަތީ ޑްރޯންއާއި 150އަށްވުރެ ގިނަ ހަނގުރާމަމަތީ މަތިންދާބޯޓު ގަތުމަށް އިންޑިޔާއިން ދަނީ މަޝްވަރާކުރަމުންނެވެ.