ޚަބަރު

ފިރުޝާނާގެ ކާމިޔާބީއަކީ ޤައުމަށް ލިބުނު ފަޚުރެއް: ރައީސް


އިނގިރޭސިވިލާތުގައި ބޭއްވި އަސްކަރީ ތަމްރީނު ކޯހަކުން ދިވެހި ސިފައިންގެ އޮފިސަރ ސަރޖެންޓް ފިރުޝާނާ ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެ ކޯހުން އެއްވަނަ ހޯދާފައިވަނީ ގދ.ފަރެސްމާތޮޑާއަށް އުފަން ސަރޖަންޓް ފިރުޝާނާ ތައުފީގުއެވެ.

ފިރުޝާނާއަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ކޯހަކުން ފިރުޝާނާ އެއްވަނަ ހޯދުމަކީ މުޅި ޤައުމު އެކަމަށް ފަހުރުވެރިވާ ކަމެއްކަމަށެވެ. އަދި ފިރުޝާނާއަކީ އެފަދަ ކޯހެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ އަންހެން ސިފައިންގެ ބޭފުޅާކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓްގައި ކުރިއަށްގެންދިޔަ އޮފިސަރ ކެޑޭޓް ކޯހުގައި ބައިވެރިވި ސަރޖަންޓް ފިރުޝާނާ ތައުފީގު، ބެސްޓް އިންޓަރނޭޝަނަލް ދަރިވަރުގެ މަޤާމު ވަނީ ހޯދާފައެވެ.

ސާޖަންޓް ފިރުޝާނާގެ ކާމިޔާބު ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކިއެކި ސަރުކާރު ތަކުގައި ރާއްޖޭގެ އަންހެން ސިފައިންނަށް އެ މީހުންނަށް ޙައްގުވާ ފުރުސަތު ނުލިބި އޮތްކަމީ ހިތާމައެއްކަމަށެވެ. އަދި ފިރުޝާނާ ހޯދި ކާމިޔާބީއާ މެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ މިއީ އެމްއެންޑީއެފްއަށާއި ރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއްކަން ފާހަގަކުރައްވާފައެވެ. އަދި ފިރުޝާނާއަކީ ޝަރަފްވެރި ސޭންޑްހާސްޓްގައި ތަމްރީނުވުމުގެ ފުރުސަތު ލިބުނު ފުރަަތަމަ އަންހެން އޮފިސަރުކަން އޭނާވެސް ފާހަގަކުރެއްވިއެވެ.