ކުޅިވަރު

އިންޑިއާ އާއި އިންގްލަންޑްއާދެމެދު ކުޅުނު ޓީ ޓުވެންޓީ ސީރީޒް އިންޑިއާ ކާމިޔާބުކޮށްފި


އިންޑިއާ އާއި އިންގްލަންޑާއި ދެމެދު ކުޅުނު ޓީ ޓުވެންޓީ ސީރީޒް އިންޑިއާއިން ކާމިޔާބުކޮށްފިއެވެ. މިސީރީޒް އިންޑިއާ ކާމިޔާބުކުރީ 3 މެޗް ދެމެޗުންނެވެ.

މިދެޓީމްގެ މެދުގައި ރޭ ކުޅުނު ފަހު މެޗް އިންޑިއާ ކާމިޔާބުކުރީ 36 ލަނޑުންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުތެރޭ ދެ ކުޅުންތެރިން ނުބައިވެގެން އިންޑިއާއިންވަނީ 224 ލަނޑު ހަދާފައެވެ. މިމެޗްގައި އިންޑިއާއަށް އެންމެ ރަނގަޅަށް ބެޓްކުރީ 52 ބޯޅައިން ނުބައިނުވެ 80 ލަނޑު ހެދި ކެޕްޓަން ވިރާޓް ކޯލީއެވެ. އަދި ރޯހިތު ޝަރްމާވަނީ އެޓީމަށް 34 ބޯޅަ އިން 64 ލަނޑު ހަދާފައެވެ. މީގެއިތުރުން ހަރްދިކް ޕަންޑްޔާ 39 ލަނޑު ހެދިއިރު ސުރްޔަކުމާރު ޔާދަވްވަނީ އެޓީމަށް 32 ލަނޑު ހަދާފައެވެ. މިއީ އިންގްލަންޑާއި ދެކޮޅަށް އިންޑިއާއަށް ޓީ ޓުވެންޓީ މެޗެއްގައި އެންމެ ގިނަ ލަނޑު ހެދުނު މެޗެވެ. ޖަވާބުގައި ކުޅެން އަރާ އިންގްލަންޑަށް 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 188 ލަނޑެވެ. އިންގްލަންޑް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައިން 68 ލަނޑު ހެދި ޑާވިޑް މަލަންއެވެ. މިއިނިންގްސްގައި އިންޑިއާއިން އެންމެ ރަނގަޅަށް އުކީ 15 ލަނޑަށް ދެ ވިކެޓް ނެގި ބުވްނޭޝްވަރު ކުމާރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޯލީ ހާމަކުރިގޮތުގައި މިމެޗްގައި އިންޑިއާއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އަދި ރިޝަބް އާއި ޝްރެޔާސްއަށް މިމެޗްގައި ބެޓް ކުރަން ނުޖެހި ދުއިސައްތައަށް ވުރެ ގިނަ ލަނޑު ހެދުމުންވެސް އެޓީމްގެ ކުޅުން ހާމަވެގެންދާކަމަށެވެ.
މިއީ މިއަހަރު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓީ ޓުވެންޓީ ވާރލްޑް ކަޕަށް ތައްޔާރުވުމަށް އިންޑިއާ އާއި އިންގްލަންޑަށްވެސް ވަރަށް ފައިދާ ހުރި ތަޖްރިބާއަކަށް ވެގެންދާނެއެވެ.