އިނގިރޭސި އެފް. އޭ. ކަޕްގެ ސެމީފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ސިޓީ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި އެވަޓަންއާއި ރޭ ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.
އެވަޓަންގެ ގުޑިސަން ޕާރކް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗްގައި ސިޓީން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަން ފެނިގެންދިޔައިރު އެވަޓަން ފެނިގެންދިޔައީ ޑިފެންސަށް އިސްކަންދީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން އެވަޓަންއިންވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށް ސިޓީގެ ޑިފެންސް ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެެވެ. އަދި މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ސިޓީއަށް ޖަހާދިނީ އިލްކާއި ގުންޑޮގާންއެވެ. ސިޓީން މިމެޗްގައި ޖެހި ދެވަނަ ލަނޑު މެޗްގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް ކެވިން ޑި ބްރުއިނަރއެވެ. މިމެޗްގައި މީގެއިތުރުންވެސް ދެޓީމަށް ލަނޑު ޖަހާނެ ފުރުސަތު ލިބިފައިވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗް ކާލޯ އެންޗެލޯޓީ ބުނީ މިމެޗްގެ 80 މިނެޓާއި ހަމައަށް އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ޑިފެންޑު ކުރި ކަމަށެވެ. އަދި މި80 މިނެޓްގެ ތެރޭގައި އޭނާގެ ޓީމްވަނީ އޭނާ ޤަބޫލްކުރާގޮތުގައި ދުނިޔޭގެ އެންމެ މޮޅު ޓީމާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ނޮވެމްބަރު މަހުން މާރޗް މަހާއި ދެމެދަކީ އިންގްލަންޑްގައި ފުޓްބޯޅަ ސީޒަންގަގައި އެންމެ އުނދަގޫ ދުވަސްވަރުކަމަށާއި މިދުވަސްވަރާއި ދިމާކޮށް އޭނާގެ ކުޅުންތެރިން ގިނަ މެޗްތަކެއް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ އޭނާ ސިޓީއާ ގުޅުނުފަހުން މިހާތަނަށް ހޯދިފައިވާ އެެންމެ ބޮޑު ކާމިޔާބީ ކަމަށްވެސް ގާޑިއޯލާ ހާމަކުރިއެވެ.