ޚަބަރު

ސޯސަންވިލާއަށް 7 އަހަރު، މި އުދަނގޫ ދަނޑިވަޅުވެސް ދިވެހިންގެ ލަންކާ އެކުވެރިޔާ


އަވައްޓެރި ޤައުމުތަކުން ދިވެހިންނަށް އެންމެ ހާއްސަ އެއް ޤައުމަކީ ސްރީލަންކާއެވެ. އެކިއެކި ބޭނުންތަކަށް ވަޒަންވެރިވެގެން އުޅޭ ދިވެހިން ރާއްޖެ ފިޔަވާ ދެން އެންމެ ގިނައީވެސް ލަންކާގައެވެ.

މިއަދަކީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ދިވެހި ސަރުކާރުން ޤާއިމުކޮށް ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނުވަތަ ސޯސަންވިލާގެ ހަތް ވަނަ އަހަރީ ދުވަހެވެ. މީގެއެތައް ޒަމާނެއް ކުރިޔަށް ޖެހިލާއިރުވެސް ރާއްޖެއިން ލަންކާގައި ކިޔަވަން ތިބި ފިރިހެން ކުދިންނަށް ހާއްސަވެފައި އޮތް ތަނަކީވެސް ސޯސަންވިލާއެވެ.

2014 ވަނަ އަހަރު މާރޗް މަހުގެ 20 ވަނަ ދުވަހު ސޯސަންވިލާގައި އެމްއީސީސީގެ ނަމުގައި ހާއްސަ މަރުކަޒެއް އުފެއްދީ ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ އިޖުތިމާއި ގުޅުން ވަރުގަދަކޮށް އެކި އެކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ސޯސަންވިލާގައި ދެމުން އަންނަ އެއް ޚިދުމަތަކީ ލަންކާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނަށް ރާއްޖޭގެ ސްކޫލް ތަކެކޭ އެއް އުސޫލުން ދިވެހި، އިސްލާމް އަދި ޤުރުއާން މާއްދާ ކިޔަވައި ދިނުމެވެ.

ސޯސަންވިލާގައި ދިވެހި ދަރިވަރުންނަށް މި ތިން މާއްދާ ކިޔަވައި ދެއްވަނީވެސް ދިވެހި މުއްދައްރިސުންނެވެ. ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ދިވެހި މުއްދަރިސުންނެވެ. ނާސަރީން ފެށިގެން ގްރޭޑް 10 އަކަށް ސޯސަންވިލާގައި ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައި ދެމުން ގެންދެއެވެ.

ދިވެހި ދަރިވަރުންނަށް މި މާއްދާތައް ކިޔަވައި ދިނުމުގެ އިތުރުންވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައްވެސް ސޯސަންވިލާއިން އިންތިޒާމުކޮށް ދަރިވަރުންނަށް އެ ފުރުސަތުތައް އަންނަނީ ހޯދައިދެމުންނެވެ. ދިވެހިންގެ ސަޤާފަތާއި އާދަކާދަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި އެތައް ޙަރަކާތައްވެސް އެތާ އަންނަނީ ހިންގަމުންނެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމަށް ތަފާތު އަދަބީ މުބާރާތްތައްވެސް އެ ސެންޓަރުން ކުރިޔަށް ގެންގޮސްފައިވެއެވެ.

ކިޔަވާ ކުދިންގެ އިތުރުން ލަންކާގައި ދިރިއުޅޭ އެކި އުމުރުފުރާގެ ދިވެހިންގެ މެދުގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގައިވެސް މި މަރުކަޒުގެ މުހިއްމުކަމާއި ރޯލް ބޮޑެވެ. ލަންކާގައި ތިބި ދިވެހިންނަށް ހާއްސަކޮށްގެން އެކި ކުޅިވަރު މުބާރާތްތަކާއި ހަފްލާތައްވެސް މި މަރުކަޒުގައި އަންނަނީ ބާއްވަމުންނެވެ. ދިވެހިންގެ މުހިއްމު ދުވަސްތައްވެސް މި މަރުކަޒުގައި ފާހަގަކުރަމުން އަންނަނީ ރާއްޖެއެކޭ އެއްވެސް ތަފާތެއްނެތި އަމިއްލަ ވަޒަނުގައިކަން ހީވެސް ނުވާހާ ފުރިހަމަކޮށެވެ.

ފުޓްސަލް އާއި ހޭންޑްބޯލްގެ އިތުރުން އެހެނިހެން ބައެއް ކުޅިވަރު މުބާރާތްތައްވެސް އަންނަނީ ބާއްވަމުންނެވެ. ޖިމް އާއި ޒުމްބާގެ ޚިދުމަތަކީވެސް ލަންކާގައި ދިރިއުޅޭ ދިވެހިންނަކީ ދުޅަހެޔޮ ސިއްޙަތެއްގެ ބަޔަކަށް ހެދުމަށްޓަކައި ސޯސަންވިލާއިން ފޯރުކޮށް ދެމުން އަންނަ ފާހަގަކޮށްލެވޭ ޚިދުމަތެކެވެ.

ހަތްވަނަ އަހަރީ ދުވަސް ބައްދަލުކުރި އިރު ސޯސަންވިލާއަކީ ސްރީލަންކާގައި ދިރިއުޅޭ އެތައް ހާސް ދިވެހިންނާއި ގުޅިފައިވާ އުންމީދީ މަރުކަޒެކެވެ. ތައުލީމީ ރޮނގުންނާއި، އިޖުތިމާއީ ރޮނގުންނެވެ. ސަޤާފަތާއި، އަދަބިއްޔާތުގެ ރޮނގުންވެސްމެއެވެ. ސޯސަންވިލާ މިއަދު ވެފައި ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އެއްބައިވަންތަ ކޮށްދޭ މައި މަރުކަޒުގެ ގޮތުގައެވެ.

މުޅި ދުނިޔެ މިއަދު ބަނަކޮށްލި ކޯވިޑް19 އާއެކުވެސް ސޯސަންވިލާއަށް ހުއްޓުމެއް ނާދެއެވެ. ޙާލަތާއި ގުޅޭ މިންވަރުން އެ މަރުކަޒުގެ ޚިދުމަތް ދިވެހިންނަށް މިއަދުވެސް ފޯރުކޮށް ދެމުން އެބަދެއެވެ. ނަމަވެސް ކޮޅުނބުގައިވެސް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ސަބަބުން ހަތް ވަނަ އަހަރީ ދުވަސް އެމްއީސީސީއާއި ބައްދަލުކުރި އިރު ދިވެހިންގެ މި މުހިންމު މަރުކަޒުން ފޯރުކޮށް ދެމުންދާ ޚިދުމަތްތަކަށްވެސް ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ. ހިސާބެއްގެ މަޑުޖެހުމެއް އައިސްފައެވެ. ބައެއް ޚިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ.

އެމްއީސީސީ ނުވަތަ ސޯސަންވިލާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސާލިޙްގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މަރުކަޒެކެވެ. ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ހިންގަމުން އަންނަ ސޯސަންވިލާއިން، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ރަނގަޅު ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކެނޑިނޭޅި މަސައްކަތް ކުރަމުންދެއެވެ. މިމަރުކަޒުން ދިވެހިންނަށް ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ރައީސް އިބްރާހިމް މުޙަންމަދު ސާލިޙާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ލައްކާގައި އުޅޭ ދިވެހިން ރައްޔިތުންނާއި އެމީހުންގެ އާއިލާތަކުން ބަލައިގަންނަނީ ޝުކުރާއި ތައުރީފާއި އެކުގައެވެ.

ކޯވިޑްގެ އުދަނގޫ ޙާލަތުގައިވެސް ސޯސަންވިލާއިން ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގެންދަވަނީ ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންނެވެ. އަދި މިކަމުގައި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާޤްވެސް ޚާއްސަ އިސްކަމެއް ދެއްވާ އަމަލީ ގޮތުންވެސް އަންނަނީ ބައިވެރިވެޑައިގަންނަވަމުންނެވެ.

މި މަރުކަޒުންދޭ ބައެއް ޚިދުމަތްތަކުގައި އިސްލާމިކް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ޔޫތް މިނިސްޓްރީންވެސް މުހިއްމު ދައުރެއް އަންނަނީ އަދާކުރަމުންނެވެ.