ޚަބަރު

އެމެރިކާއާއި ޗައިނާގެ މަޝްވަރާތައް ނިމިއްޖެ، މުހިންމު ވާހަކަތަކެއް ދެކެވުނު


އެމެރިކާއާއި ޗައިނާއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ނިންމާލައިފިއެވެ.

އެމެރިކާގެ އެލަސްކާގައި ބޭއްވި މަޝްވަރާތަކުގެ ފުރަތަމަ ދުވަހު އެމެރިކާއާއި ޗައިނާއާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރިއެވެ. އެއާއެކު މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަމަށް އޮތީ ބެލެވިފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވީ ޗައިނާގެ ބައެއް އަމަލުތަކާ ގުޅޭގޮތުން މަޝްވަރާތަކުގެ ފުރަތަމަ ދުވަހު އެމެރިކާއިން ކަންބޮޑުވުން ފައުޅުކުރުމުން ޗައިނާއިން އެ ޤައުމުގެ ދިފާޢުގައި ވާހަކަ ދައްކާފައިވާތީ އެކަމާ ހައިރާންވެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް ފަހުން ބޭއްވި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކޮށްފައިވާކަމަށާއި އީރާނާއި އުތުރު ކޮރެޔާގެ މައްސަލަތަކާއި އިޤްތިޞާދާ ގުޅޭ ކަންކަމުގައި ދެ ޤައުމުގެ ޚިޔާލު އެއްގޮތްކަމަށް އޭނާ ވިދާޅުވިއެވެ. މަޝްވަރާތަކުގައި ބައިވެރިވުމުގައި އެމެރިކާގެ މަޤުޞަދު ޙާސިލުވިކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ދުވަހުގެ މަޝްވަރާތަކާ ގުޅޭގޮތުން ޗައިނާއިން ބުނީ މަޝްވަރާތަކުގައި މުހިންމު ވާހަކަތަކެއް ދެއްކެވުނުކަމަށެވެ. ނަމަވެސް ދެ ޤައުމުގެ ދެމެދުގައި އަދިވެސް ތަފާތުތަކެއް ހުރިކަމަށް އެ ޤައުމުން ބުނެއެވެ.. ޗައިނާގެ އިސްތިޤުލާލާއި ސަލާމަތް ރައްކާތެރިކުރާނެކަމަށާއި ދެ ޤައުމުންވެސް މައްސަލަތައް ނުއުފެދޭނެފަދަ ގޮތަކަށް އަމަލު ކުރުން މުހިންމުކަމަށް ޗައިނާއިންވަނީ ބުނެފައެވެ.