ޚަބަރު

ޓެންޒޭނިޔާގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް


ޓެންޒޭނިޔާގެ ރައީސްގެ މަޤާމުގެ ހުވައި ސާމިޔާ ސުލުހު ޙަސަން ކުރައްވައިފިއެވެ. މިއީ ޓެންޒޭނިޔާގެ ރައީސްކަމުގެ މަޤާމާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަތް ފުރަތަމަ ފަހަރެވެ.

ނައިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ސާމިޔާ ރައީސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ ޓެންޒޭނިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ޖޯން މަގުފުލީ ކުއްލި ގޮތަކަށް އަވަހާރަވުމުންނެވެ. ޓެންޒޭނިޔާގެ ޤާނޫނުހަދާ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސްކަމުގެ ހުވައި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސާމިޔާ ވިދާޅުވީ މިއީ ތަފާތުތައް އެއްފަރާތްކޮށް އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. މިއީ އެއްބަޔަކު އަނެއްބަޔަކު ކުށްވެރި ކުރަންވީ ވަގުތު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި މަގުފުލީވަނީ ރައީސްކަމުގެ ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ބާކީ އޮތް މުއްދަތުގައި ވެރިކަންކުރައްވާނީ ސާމިޔާއެވެ. ޓެންޒޭނިޔާގެ އިދިކޮޅު ފަރާތްތަކުންވެސްވަނީ ދަޢުރު ފުރިހަމަ ކުރުމަށް ސާމިޔާއަށް އެއްބާރުލުން ދޭން ނިންމައިފައެވެ.