ކުޅިވަރު

އިންތިޚާބަށްފަހު ވީއޭއެމްގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާނެ: މިނިސްޓަރ މަޙްލޫފު


ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެ މިއަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށްފަހު ވޮލީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު، ވީއޭއެމްގެ މައްސަލައަށް ހައްލެއްލިބި، އިންތިހާބް ބޭއްވިގެން ދިއުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށެވެ. ވޮލީ ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޑޯ އާއި އައުޓްޑޯ ވޮލީ ކޯޓްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މާލޭގައި އިންޑޯ ވޮލީ ސްޓޭޑިއަމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު އިންޑޯ ސްޓޭޑިއަމްގެ ކުރެހުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޓެންޑަރއަށް ފޮނުވާނެކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. ވޮލީ ބޯޅަ އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތައްވެސް، މިއަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ވާނެކަމަށާއި އެސޯސިއޭޝަނާއެކު ވޮލީ ކުރިއެރުވުމަށް ޔޫތް މިނިސްޓްރީއިން އަބަދުވެސް ތައްޔާރަށް އޮތްކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ވީއޭއެމްގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށް ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމްވަނީ ނޯމަލައިޒިން ކޮމިޓީއަކާ ވީއޭއެމްގެ ހިންގުން ހަވާލުކޮށްފައެވެ. ފާއިތުވެދިޔަ ދެ އަހަރުވެސް ވީއޭއެމްގެ މައްސަލަތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެފްއައިވީބީއިން އެކުލަވާލި އެޑްހޮކް ކޮމެޓީގެ މަސައްކަތުން މިހާރުވަނީ މިއަންނަ މަހުގެ އެއްވަނަ ދުވަހު ވީއޭއެމްގެ އިންތިހާބް ބޭއްވުމަށް އިޢުލާންކޮށްފައެވެ. އަދި މިމަހުގެ 24ވަނަ ދުވަހު 9 ކުލަބަކާއެކު އޭޖީއެމްއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވެގެންދިޔަ އަހަރުތަކުގައި ވީއޭއެމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އާއި މޯލްޑިވްސް އޮލިންޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުގޫޒްވަނީ އެފްއައިވީބީގެ ރައީސްއާއެކު 2019ވަނަ އަހަރު މަޝްވަރާކޮށްފައެވެ. އެމަޝްވަރާއަށްފަހު އެފްއައިވީބީއިން ވީއޭއެމްގެ މައްސަލައަށް ހައްލެއް ގެނައުމަށް އެޑްހޮކް ކޮމެޓީއެއް އެކުލަވާލިއެވެ. މިކޮމެޓީގެ މަސައްކަތްތަށްވެސް ލަސްވެގެންދިޔައީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 އާއި ގުޅިގެންނެވެ.