ޚަބަރު

މިޞްރުގެ އިދާރީ ހިންގުން ޒަމާނީ އައު ރަށަކަށް


މިޞްރުގެ މިހާރުގެ ވެރިރަށް ޤާހިރާގެ އިރުމަތީގައި އޮންނަ ހުސް ސަރަޙައްދެއްގައި ޒަމާނީ އައު ރަށެއް ބިނާކޮށް، އިދާރީ ވެރިރަށުގެ ގޮތުގައި އެ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ މަޝްރޫޢުއަށް ލިބެމުންދިޔަ ފައިސާގެ އެހީތެރިކަން ހުއްޓުމުން އެ މަޝްރޫޢުގެ ދުވެލި މަޑުޖެހުނެވެ. އެއަށްފަހު އެ މަޝްރޫޢުގެ ފުރަތަމަ މަރުހަލާއަށް ބޭނުންވާ 12 ބިލިއަން އެމެރިކާ ޑޮލަރު މިޞްރުގެ ސަރުކާރުން ހަމަޖައްސައި އެ މަސައްކަތް ކުރަން ފެށީ އަމިއްލައަށެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭރުގެ ލޯނުވެސް މިހާރުވަނީ ލިބިފައެވެ.

ނިއު އެޑްމިނިސްޓްރޭޓިވް ކެޕިޓަލްގެ ނަން ދީފައިވާ ސަރަޙައްދަށް ސަރުކާރުގެ މައި އިދާރާތައް ބަދަލުކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި ރިޔާސީ ގަނޑުވަރާއި ޤާނޫނުހަދާ މަޖިލީހުގެ އިމާރާތްވެސް އަލަށް ބިނާކުރާ ސަރަޙައްދަށް ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. ޖުލައި މަހުގެ ތެރޭގައި ސަރުކާރުގެ 50،000 މުވައްޒަފުންގެ ދިރިއުޅުން އެ އެ ސަރަޙައްދަށް ބަދަލުކުރުމަށްވަނީ ތައްޔާރުވެފައެވެ. އެ ރަށަށް ބަދަލުވާ މުވައްޒަފުންގެ ކަންކަން ހަމަޖެއްސުމަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖަޓެއްވަނީ ކަނޑައަޅައިފައެވެ.

މިޞްރުގައި އިދާރީ ވެރިރަށެއް ބިނާކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ޤާހިރާގެ ތޮށް ޖެހުން ކުޑަކުރުމެވެ. ޤާހިރާގައި ދިމާވާ ހުރިހާ މައްސަލަތަކެއް ޙައްލުކުރުމަށް އިދާރީ ވެރިރަށް ފަރުމާކުރުމުގައި ވިސްނާފައިވާނެކަމަށް މިޞްރުގެ ސަރުކާރުން ބުނެއެވެ. އެގޮތުން އެ ރަށުގެ އުމްރާނީ އަދި ސަލާމަތީ ކަންކަން ބަލަހައްޓާނެ މަރުކަޒެއް ޤާއިމުކޮށް، ދަތުރުފަތުރުގެ ޒަމާނީ ވަޞީލަތްތަކެއް ހަމަޖައްސާނެއެވެ. އެ ރަށުގައި ދިރިއުޅޭ ކޮންމެ މީހަކަށް 15 އަކަމީޓަރުގެ ފެހި ސަރަޙައްދެއް ކަނޑައަޅާނެއެވެ. އަދި އިމާރާތްތަކުގެ ފުރާޅުގައި ހުންނާނީ ސޯލާ ޕެނަލް ހަރުކޮށްފައެވެ. ފައިސާގެ މުޢާލަމާތް ކުރާނީ ޑިޖިޓަލްކޮށެވެ. ޔުނިވަސިޓީތަކާއި ޚާރިޖީ އިދާރާތަކާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން އެ ސިޓީގައި ޤާއިމުކުރާނެއެވެ. މިޞްރުގެ އައު ވެރިރަށް ބިނާކުރުމުގެ ފުރަތަމަ މަރުހަލާގައި 168 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ.