ދުނިޔެ

ޗައިނާއާއި އެމެރިކާއާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް


އެމެރިކާގެ އައު ސަރުކާރާއި ޗައިނާއާ ދެމެދު ކުރިއަށްދާ ފުރަތަމަ މަޝްވަރާތަކުގައި ދެ ފަރާތުން ވަރުގަދަ ބަހުގެ ޙަމަލާތައް ބަދަލުކޮށްފިއެވެ.

މަޝްވަރާތައް ފެށުމަށް އެމެރިކާގެ އަލަސްކާގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާއިން ބުނީ ޝިންޖިއަން ޕްރޮވިންސުގެ މައްސަލަ ހިމެނޭގޮތަށް ޗައިނާގެ ޢަމަލުތަކާމެދު ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން އެމެރިކާއިން ވާހަކަ ދައްކާނެކަމަށެވެ. އޭގެ އިތުރުން ހޮންގުކޮންގާއި ޓައިވާނުގެ މައްސަލައާއި، އެމެރިކާއަށް ދެމުންދާ ސައިބާ ޙަމަލާތަކާއި އެމެރިކާގެ ވާގިވެރިންނާއެކު ޗައިނާއިން ކުރަމުންދާ އިޤްތިޞާދީ މުޢާމަލާތްތަކާމެދުވެސް އެމެރިކާއިން ވާހަކަ ދައްކާނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދުދެމުން ޗައިނާއިން ބުނީ ޗައިނާގެ ދާޚިލީ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް އެ ޤައުމުން ކުށްވެރިކުރާކަމަށެވެ. ޗައިނާގެ އަމިއްލަ މައްސަލަތަކުގެ ތެރެއަށް އެމެރިކާއިން ވަންނަ ނަމަ އެކަމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޗައިނާއިން ދިނެވެ.

އެމެރިކާގެ ދީމުޤުރާޠީ އުސޫލުތަކާއި މީސްމަދު އާބާދީތަކާއި މެދު އެމެރިކާއިން ޢަމަލުކުރަމުންދާ ގޮތާއި އެމެރިކާގެ ޚާރިޖީ އަދި ވިޔަފާރީގެ ސިޔާސަތުތަކަށްވެސް ޗައިނާއިންވަނީ ފާޑު ކިޔައިފައެވެ. ޗައިނާގެ ވާހަކަތަކާއި ގުޅިގެން އެމެރިކާއިން ބުނީ ޗައިނާއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން ގޯސްކުރުމަށް އެމެރިކާއިން ނޭދޭކަމަށެވެ. ނަމަވެސް އެމެރިކާގެ އުސޫލުތަކާއި އެ ޤައުމުގެ ވާގިވެރިންގެ ހައްޤުގައި އެ ޤައުމުން ވާހަކަ ދައްކާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

އެމެރިކާއިންވަނީ ބައްދަލުވުމުގެ ޤަވާއިދުތަކަށް ޗައިނާއިން ޢަމަލުކޮށްފައި ނުވާކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި ކުރިއަށް އޮތް މަޝްވަރާތަކުގައި ޗައިނާގެ ޢަމަލުތައް ބަދަލުކުރާނެކަމަށް އުންމީދު ކުރާކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

މަޝްވަރާތައް ފެށުމަށް ބޭއްވި ބައްދަލުވުމުގައި ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވާ މިންވަރު ހާމަކޮށްދެއެވެ. އެހެންކަމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނިކުމެދާނެކަމަށް ނުބެލެވޭކަމަށް މާހިރުން ބުނެއެވެ.