ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންނަކީ ޤާތިލެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވުމުން އެކަމަށް މަޢާފަށް އެދެން ޖެހޭނެކަމަށް ރަޝިޔާއިން ބުނެފިއެވެ.
އެމެރިކާގެ ނޫސް އިދާރާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޕުޓިންނަކީ ގާތިލެއްކަމަށް ޤަބޫލުކުރައްވަންތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަރަށް ކުރުކޮށް ބައިޑަން ވިދާޅުވީ އެމަނިކުފާނު އެގޮތަށް ޤަބޫލު ކުރައްވާކަމަށެވެ. ޕުޓީންނަކީ އިންސާނިއްޔަތުކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ބައިޑަންވަނީ ސިފަ ކުރައްވާފައެވެ.
ރައީސް ބައިޑަންގެ މި ވާހަކަތަކާއި ގުޅިގެން ރަޝިޔާއިންވަނީ އެމެރިކާގައި ހުންނަ އެ ޤައުމުގެ ސަފީރު އަނބުރާ ޤައުމަށް ގެންގޮސް ދެ ޤައުމުގެ ގުޅުންތަކާއި ގުޅިގެން މުހިންމު މަޝްވަރާތައް ކުރުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.
ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ނައިބު މުޤައްރިރު، ކޮންސްޓަންޓިން ކޮސަޝިއޮވް ވިދާޅުވީ ބައިޑަންގެ ވާހަކަތަކަކީ އެއްވެސް ޙާލަތެއްގައި ބަލައިގަނެވޭނެ ވާހަކައެއް ނޫންކަމަށާއި އެ ވާހަކަތަކާއި ގުޅިގެން މަޢާފަށް ނޭދޭ ނަމަ އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށެވެ. ބައިޑަންގެ ވާހަކަތަކުގެ ސަބަބުން މިހާރުވެސް ހީނަރުވެފައިވާ އެމެރިކާއާއި ރަޝިޔާގެ ގުޅުން އިތުރަށް ގޯސްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އެމެރިކާގެ އައު ސަރުކާރުން ރަޝިޔާއާ މެދު ގެންގުޅޭ ސިޔާސަތުތައް ބަދަލުވެދާނެކަމާއި މެދު އުއްމީދު ކުރެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަންވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން މަސައްކަތްކޮށްފައިވާތީ އެކަމުގެ ސަބަބުން ނިކުންނަ ނޭދެވޭ ނަތީޖާއާ ޕުޓިން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.