ވިޔަފާރި

ސަރުކާރުން ގެނައި އިސްލާހާއެކު މުވައްޒަފުންނަށް ސަރވިސް ޗާޖު ޔަޤީން


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވިސް ޗާޖު ނުދޭ މައްސަލައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެވެ. ސަރވިސް ޗާޖު ބެހުމުގައި ހަމަހަމަކަމެއް ނެތުމާއި، ސަރވިސް ޗާޖު ނުދޭ މައްސަލައަކީ ބައެއް ރިސޯޓްތަކުން ފެންމަތިވާ މައްސަލަތަކެކެވެ. ސަރވިސް ޗާޖުގެ އިތުރުންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެހެން އިނާޔަތްތައް ދިނުމުގައި ރިސޯޓްތަކުން ވަރަށް ބޮޑަށް އިހުމާލުވާ އަޑުތަކަކީ ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތަކީ އަބަދުވެސް ކުރަމުންދާ މަސައްކަތެކެވެ. ނަމަވެސް ދާދި މިދަކަށް ދުވަހަކާ ޖެހެންދެން މިކަމަށް އެދިވިގެންވާ ހައްލެއް ލިބިފައެއް ނެތެވެ.

ސަރވިސް ޗާޖު މައްސަލައިގައި ހައްލެއް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން މިކަމަށް ރަސްމީ ހައްލެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ގެނެސްދެއްވާފައެވެ. އެގޮތުން ސަރުކާރުން ސަރވިސް ޗާޖާބެހޭ ޤަވާއިދަށް ގެނައި އިސްލާހުތަކާއެކު މުވައްޒަފުންނަށް ސަރވިސް ޗާޖު ދޭންޖެހޭ އުސޫލުތައް ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވާފައެވެ.

ލޭބަރ ރިލޭޝަންސް އޮޓޯރިޓީން އާންމުކޮށްފައިވާ ސަރވިސް ޗާޖާބެހޭ ޤަވާއިދު ބުނާގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ތަންތަނުން ފޯރުކޮށްދޭ ކޮންމެ ޙިދުމަތަކުން %10 އަށްވުރެ މަދު ނޫން އަދަދަކުން ސަރވިސް ޗާޖު ނަގަންވާނެއެވެ. މި ޤަވައިދާއި އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރވިސްޗާޖު ނަގަންޖެހޭނެއެވެ.

ސަރވިސް ޗާޖު ނަގާނީ ޓޫރިސްޓް ރިސޯޓްތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓްރެއިނިންގ ރިޒޯޓުތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ރިޒޯޓްތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުންނެވެ. އަދި މިފަދަ ތަންތަނުގައި ގާއިމްކޮށްފައިވާ ޑައިވިން ސްކޫލްތަކާއި ސެންޓަރުތަކާއި، ސްޕާ، ވޯޓަރ ސްޕޯޓްސް ފެސިލިޓީތައް، އެކްސްކާޝަން ހަރަކާތްތަކުން އަދި ކެފޭ/ރެސްޓޯރެންޓް/ކެންޓީންތަކާއި، އެ ތަންތަނުގައި ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ އެފަދަ އެހެން ތަންތަނުންވެސް ސާވިސް ޗާޖު ނަގަން ޖެހޭނެކަމަށް ގަވައިދު ބުނެއެވެ. އޭގެ ތެރޭގައި، ހިދުމަތް ފޯރުކޮށްދިނުމަށް އައުޓް ސޯސްކޮށްގެން، އެހެން ވިޔަފާރިއެއް މެދުވެރިވެގެން ދޭ ހިދުމަތްތައްވެސް ހިމެނޭނެކަމަށް ބުނެފައިވެއެވެ.

ސަރވިސް ޗާޖުން މުވައްޒަފުންނަށް ލިބެންޖެހޭ ހައްޤު މިންވަރު އެ މުވައްޒަފުންނަށް ހޯދައިދިނުމަށް މި ޤާނޫނުގެ ސަބަބުން ފަހިވެގެންދާނެއެވެ. މި ޤާނޫނުގައި ބުނާގޮތުން ސަރވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތައް ނެގޭނީ ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމްލަ އަދަދުން މަދުވެގެން 9 އިންސައްތައެވެ. އަދި ސަރވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އިދާރީ ފީއެއްގެ ގޮތުގައި ގިނަވެގެން ނެގޭނީ 1 އިންސައްތަ ކަމަށްވެސް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ސަރވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދުގެ ހައްޤު މިންވަރު މުވައްޒަފުންނަށް ލިބޭނެކަމުގެ ޔަޤީންކަން ޤާނޫނާއެކު ވަނީ ލިބިގެންގޮސްފައެވެ.

ސަރވިސް ޗާޖު ހިސާބުކުރުމުގައި މުވައްޒަފު ޚިދުމަތްކުރި ދުވަސްތައް ކަނޑައެޅުމުގައި ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން މުސާރަ ލިބޭގޮތަށް މުވައްޒަފަށް ޙައްޤުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަކާއި އަރާމުކުރުމަށް މުވައްޒަފަށް ހައްޤުވާ ދުވަސްތައް އުނިކޮށްގެން ނުވާނެކަމަށް މި ޤަވައިދުގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިހާރު ޗުއްޓީގައި ހުންނަ މުވައްޒަފުންނަށްވެސް ޗުއްޓީގައި ހުންނަ މުއްދަތުގައި ސަރވިސް ޗާޖު ލިބޭނެއެވެ.

ޤާނޫނުގައިވާގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ނޫން އެހެން ސިނާއަތްތަކަށްވެސް އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޙިދުމަތަކުން ނުވަތަ ޙިދުމަތްތަކަކުން ސަރވިސް ޗާޖު ނެގިދާނެއެވެ. ނަމަވެސް ޤާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެކަމަށް ވަނީ ބުނެފައެވެ.

ވަޒީފާދޭ ފަރާތުގެ ޙިދުމަތެއް ދިނުމުގައި ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ސަރވިސް ޗާޖު ހައްޤުވާނެއެވެ. އަދި ސަރވިސް ޗާޖު ބެހުމުގައި ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ފިޔަވައި އެހެން ބަޔަކު ނުހިމެނޭނެކަމަށްވެސް ޤާނޫނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި އެހެން ބަޔަކަށް ސަރވިސް ޗާޖެއް ނުދެވޭނެއެވެ.

ދެން އޮތް ސުވާލަކީ ސަރވިސް ޗާޖު ނުދީފިނަމަ ވާނީ ކިހިނެތްތޯއެވެ. ޤަވާއިދު ބުނާގޮތުން މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގައި، މި ގަވާއިދާ ހިލާފުވެއްޖެނަމަ، ވިޔަފާރީގެ ކުޑަ ބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގާ އެންގުންތަކާއި ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން، އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް ޤަވައިދުގައި ވަނީ ކަނޑައަޅާފައެވެ.

ސަރވިސް ޗާޖަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތުން އެމީހުންނަށް ހޯދާ އެއްޗެކެވެ. ނަމަވެސް ބައެއް ފަހަރު ސަރވިސް ޗާޖު ނުހައްޤު ގޮތުގައި އެހެން ފަރާތްތަކުން ދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް މި ޤަވާއިދާއެކު މުވައްޒަފުންނަށް ސަރވިސް ޗާޖު ލިބޭނެކަމުގެ ޔަޤީންކަން ވަނީ ކަށަވަރުވެ، ޔަޤީންވެފައެވެ.