ދުނިޔެ

ފިޔަވަޅު އަޅާނަން އެކަމާއި ޕުޓިން ކުރިމަތިލައްވަން ޖެހޭނެ - ބައިޑަން


އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން މަސައްކަތްކޮށްފައިވާތީ އެކަމުގެ ސަބަބުން ނިކުންނަ ނޭދެވޭ ނަތީޖާއާ އެ ޤައުމުގެ ރައީސް ވްލަޑްމީރު ޕުޓިން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސުން ޝާޢިއުކުރި 15 ޞަފްހާގެ ރިޕޯޓުގައި ވަނީ ރައީސް ޖޯ ބައިޑަނާއި ދެކޮޅަށް އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތަކެއް ކޮށް ރަޝިޔާގެ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެފައެވެ.

އެ ރިޕޯޓުގައި ބުނީ 2020ވަނަ އަހަރުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން މަސައްކަތްކޮށްފައިވަނީ ޕުޓިންނަށް އެނގިވަޑައިގެން ކަމަށާއި އެގޮތަށް މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައިވަނީ ޕުޓީންކަމަށްވުން އެކަށީގެންވާކަމަށެވެ.

އެމެރިކާގެ ނޫސް އިދާރާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ރައީސް ބައިޑަން ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން މަސައްކަތް ކޮށްފައިވާކަން ޔަޤީންވެއްޖެނަމަ ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޕުޓީންއަށް ދެއްވާފައިވާނެ ކަމަށެވެ. އަދި އެފަދަ ޙާލަތަކަށް ތައްޔާރުވެ ހުރުމަށް ޕުޓިންއަށް ދަންނަވާފައި ވާނެކަމަށެވެ. ނަމަވެސް އެމެރިކާއިން އަޅާނެ ފިޔަވަޅުތަކުގެ ތަފްޞީލެއް ބައިޑަން ދެއްވާފައެއް ނުވެއެވެ.

ޕުޓިންއަކީ މީހުން މަރާ ބޭފުޅެއްކަމަށް ޤަބޫލުކުރައްވަންތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަރަށް ކުރުކޮށް ބައިޑަން ވިދާޅުވީ އެމަނިކުފާނު އެގޮތަށް ޤަބޫލު ކުރައްވާކަމަށެވެ. މީގެ ކުރިން އެމެރިކާއިންވަނީ 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް ތުޙުމަތުކޮށްފައެވެ.