ކުޅިވަރު

ސިޓީ އާއި ބްރިސްޓަލް ބައްދަލުކުރިމެޗް ސިޓީއަށް


އިނގިރޭސި އެފްއޭ ވިމެންސް ސުޕަރ ލީގުގައި މެންޗެސްޓަރ ސިޓީ ވިމެން އާއި ބްރިސްޓަލް ސިޓީ ވިމެން ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ބްރިސްޓަލްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހައިދިނީ ސިޓީގެ ކެރޮލީން ވެއަރއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހައިދިނީ އެލެން ވައިޓްއެވެ. އަދި ފަހު ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ސޭމް މެވިސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިވަނީ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ ޗެލްސީ ވުމެން އާއި ދެމެދުގައި އޮންނަ ފަރަގު 2 ޕޮއިންޓްގައި ހިފަހައްޓާފައެވެ. މިއީ ލީގުގައި ސިޓީއިން ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ. ސިޓީ ވިމެންއިން މިހާރު 17 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 42 ޕޮއިންޓެވެ. އަދި ބްރިސްޓަލް ސިޓީ ވިމެން މިނާކާމިޔާބީއާއެކު މިހާރުވަނީ ކުޅުނު 16 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު 12 ޓީމް ހިމެނޭ ލީގުގެ ފުލަށް ގޮސްފައެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ވެސްޓް ހޭމް ޔުނައިޓެޑް ވިމެން އާއި ބަރމިންގހަމް ސިޓީ ވިމެން ބައްދަލުކުރިމެޗް 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވީ އިރު އެސްޓަންވިލާ ވިމެން އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ވިމެން ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ބްރައިޓަންއެވެ.