ކުޅިވަރު

ވިމެންސް ސުޕަރ ލީގު ތާވަލްގައި ޗެލްސީ ވިމެންއިން ލީޑު ދަމަހައްޓައިފި


އިނގިރޭސި އެފްއޭ ވިމެންސް ސުޕަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ ޗެލްސީ ވިމެން އާއި އެވަޓަން ވިމެން ބައްދަލުކުރިމެޗް ކާމިޔާބުކޮށް އެޓީމަށް ލިބިފައިވާ ދެޕޮއިންޓްގެ ލީޑު ޗެލްސި ވިމެންއިން ދަމަހައްޓައިފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެެއްދީ ޗެލްސީއެވެ. މިމެޗްގެ ފުރަތަމަ މިނެޓްގައި ޗެލްސީއަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް މެލެނީ ލެއުޕޯލްޒް ފޮނުވާލި ޕެނަލްޓީވަނީ އެވަޓަންގެ ކީޕަރ ޓިންޖީ ރީކާ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ފްރޭން ކަރބީއެވެ. މިމެޗްގައި ޗެލްސީއިން ޖެހި ދެވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހައިދިނީ ޕަރނީލް ހަރޑަރއެވެ. އަދި ފަހު ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ މިނެޓްގައި ޕެނަލްޓީ ޖެހި ލެއުޕޯލްޒްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިމެޗްގައި އިތުރު ލަނޑެއް ފެންނަ ގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ޗެލްސީ ވިމެންއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވާ ދެޕޮއިންޓްގެ ލީޑުވަނީ ދެމެހެއްޓިފައެވެ. އެއީ ކުޅުނު 17 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކުއެވެ. އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ސިޓީ ވިމެންއަށް ލިބިފައިވަނީ 17 މެޗުން 42 ޕޮއިންޓެވެ. މިއީ މިސީޒަންގައި އެންމެ ފަހުން ޗެލްސީ ކުޅުނު 11 މެޗްގެ ތެރެއިން މޮޅުވި 10 ވަނަ މެޗެވެ. މިމެޗުން ބަލިވުމުން އެވަޓަން ވިމެން އުޅެނީ ކުޅުނު 17 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ.