ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ކުއްޖަކު ނިޔާވި މައްސަލައިގެ ތަޙުޤީގު ނިންމާ ދަޢުވާ ކުރުމަށް ފްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައާއި ގުޅިގެން 3 މީހަކާއި 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 8 ވަނަދުވަހުއެވެ.
ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީގައި އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.
އުދައްޔު ވަޅުލާފައިވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.
ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރިއެއް ހިންގާފައިވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 10:10 ހާއިރުގައެވެ. މިމަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ދެ މީހަކަށް ގއ.އަތޮޅު ހޮސްޕިޓަލުގައިވެސް ވަނީ ފަރުވާދީފައެވެ.