ޚަބަރު

ތުރުކީވިލާތުގެ ޑްރޯން ގަތުމަށް ސަޢުދީ ޢަރަބިއްޔާއިން ޝައުގުވެރިވޭ: އުރުދުޣާން


ތުރުކީވިލާތުގެ ހަނގުރާމަމަތީ ޑްރޯން ގަންނަން ސަޢުދީ ޢަރަބިއްޔާއިން ޝައުގުވެރިވާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީ ތުރުކީވިލާތުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި މަރައިލުމުން ދެ ޤައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައްވެސްވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް ދެ ޤައުމުންވެސްވަނީ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުރުގުޣާންވަނީ ތުރުކީވިލާތުގެ ހަތުރެއްކަމަށްވާ ގުރީސްއާއެކު ސަޢުދީ ޢަރަބިއްޔާއިން ވައިގެ އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމާފައިވާ ނިންމުމަށް ފާޑު ވިދާޅުވެފައެވެ. އުރުދުޣާން ވިދާޅުވީ ގުރީސާއެކު ތަމްރީންތައް ބޭއްވުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި ތުރުކީވިލާތުގެ ޑްރޯން ގަންނަން ސަޢުދީ ޢަރަބިއްޔާއިން ޝައުގުވެރިވާކަމަށެވެ. އެހެންކަމުން މައްސަލަ ގޯސްނުވާނެ ގޮތަކަށް އެކަމަށް ޙައްލެއް ހޯދުމަށް ތުރުކީވިލާތުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.