ކުޅިވަރު

އެފްއޭއެމްގެ ހުރިހާ މުބާރާތްތަކެއް މުއްދަތެއް ނެތި ފަސްކޮށްފި


ދިވެހި ސަރުކާރުން މިއަދު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާ ގުޅިގެން މިހާރު ކުރިއަށްދާ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ވަކި ގޮތެއް އަންގަންދެން މިހާރު ކުރިއަށްދާ އުރީދޫ ދިވެހި ޕްރިމިއަރ ލީގާއި ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި، މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްވެސް ފަސްކުރެވިފައިވާކަމަށެވެ. މިނިވަން ފަންސާސް ޗެމްޕިއަންޝިޕް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށަން ތާވަލްކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އެތާރީޚްގައި ދެން އެމުބާރާތްވެސް ނުފަށާނެއެވެ. މިއަދާއި މިރޭ ދިވެހި ލީގުގައި ކުޅެން އޮތް ދެ މެޗާއި މިއަދު ހަވީރު ކުޅެން އޮތް ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗްވެސް މިއަދު ނުކުޅޭނެއެވެ. ޔޫތްމިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި އެހެން އެސޯސިއޭޝަންގެ  މުބާރާތްތައްވެސް ފަސްކުރުމަށް މާދަމާ އެސޯސިއޭޝަންތަކަށް އަންގާނެއެވެ. އެހެން އެސޯސިއޭޝަނެއްގެ މުބާރާތެއް މިވަގުތު ކުރިއަކަށް ނުދެއެވެ.