ޚަބަރު

"އުފަންވާއިރު ވިންދު ހުއްޓަސް ދިރިހުރުމުގެ ފުރުސަތެއް ނެތް"


މައިމީހާގެ ބަނޑަށް 22 ހަފްތާ ނުވަނީސް ކުދިން އުފަންވުން ރާއްޖޭގައި ކަނޑައަޅާފައިވަނީ "ސްޕޮންޓޭނިއަސް އެބޯޝަން" ނުވަތަ ބައިގެން ދިއުމުގެގޮތުގައެވެ.

ދުވަސްނުފުރާ ވިހާ މިފަދަ ކުދިން ސަލާމަތްކުރުމަށްޓަކައި ފަރުވާދެވިދާނެ ޢުމުރުގެ ގޮތުގައި އެކި ޤައުމުތަކުން ކަނޑައަޅާފައިވަނީ އެކި ޢުމުރެވެ. މިގޮތަށް ވަކި ޢުމުރެއް ކަނޑައަޅަނީ އެފަދަ ކުއްޖަކަށް ފަރުވާދީގެން ސަލާމަތްކުރެވޭނީ، ކިތައް ހަފްތާގައި ވިހާ ކުއްޖެއްކަން ކަނޑައެޅުމަށެވެ. އެކި ޤައުމުތަކުގައި މި މުއްދަތު ކަނޑައަޅަނީ އެކި ހަފްތާއަށެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިގޮތަށް ފަރުވާދެވޭނެކަމަށް ކަނޑައަޅާފައިވަނީ މައިމީހާގެ ބަނޑަށް 23 ހަފްތާ ނުވަތަ 24 ހަފްތާ ވެފައިވާނަމައެވެ. ރާއްޖޭގައި މިފަރުވާ ދެވޭނެ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ދުނިޔޭގައި މިފަދަ ފަރުވާދެވޭނެކަމަށް ކަނޑައަޅާފައިވާ އެންމެ ހަގު އުމުރުކަމުގައިވާ 22 ހަފްތާއެވެ.

ކުއްޖާ މައިމީހާގެ ބަނޑުގައި ގަރުބަގަނެ ކުއްޖާގެ ހަށިގަނޑުގެ ގުނަވަންތައް އުފެދެނީ މައިމީހާގެ ބަނޑުގެތެރޭގައި އޮންްނަ މަރުޙަލާގައެވެ. ކުއްޖާ ވިންދު ޖަހަން ފަށަނީ މައިމީހާގެ ބަނޑަށް 12 ހަފްތާއިން ފެށިގެންނެވެ. ކުއްޖާގެ ހިތުގައި ވިންދު ހުރި ނަމަވެސް ތުއްތު ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވައިދިނުން ނުވަތަ ލޭ ޕަމްޕްކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް 22 ހަފްތާއަށްވުގެ ހަގުނަމަ ކުއްޖާ ހެދިބޮޑުވެފައި ނޯންނާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ގުނަވަންތައް އުފެދި ކުއްޖާގެ ހަށިގަނޑު މަޑުމަޑުން މިނިޒާމުގެ ތެރެއިން ހިނގައިގަންނަން ފަށާނީ 22ވަނަ ހަފްތާއިން ފެށިގެންނެވެ.

ދުވަސްނުފުރާ ވިހާ ކުދިންނަށް ސިއްޙީގޮތުން ފަރުވާ ދިނުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކެއް ވެއެވެ. ވިހާ ނުވަތަ އެއްވެސް ސަބަބަކާހުރެ މައިމީހާގެ ބަނޑުން ކުއްޖާ ނަގަން ޖެހިއްޖެ ޙާލަތެއްގައި ސިއްޙީ ފަރުވާއެއް ދެވޭނީ 22ހަފްތާ ވުމުގެ އިތުރަށް، ކުއްޖާގެ ބަރުމިނުގައި މަދުވެގެން 500ގުރާމު ހުރެގެންނެވެ. ކުއްޖާގެ ބަރުމިން ދޭހަކޮށްދެނީ ހަށިގަނޑުގެ ގުނަވަންތައް އުފެދިފައިވާ މިންވަރެވެ. އެގޮތުން ވިންދު ހުރިނަމަވެސް، ކުއްޖާގެ ހިތާއި ސިކުނޑިއާއި ލޭނާރުތައް އެކަށީގެންވާ މިންވަރަށް އުފެދިފައި ނުވާނަމަ، ކުއްޖާގެ ހަށިގަނޑުގެ ގުނަވަންތަކަށް ބޭނުންވާ ލެއާއި ކާނާ ފޯރުކޮށްދިނުމުގެ ބާރު އެހަށިގަނޑަށް ލިބިގެނެއް ނުވެއެވެ.

އެހެންކަމުން މައިމީހާގެ ބަނޑަށް 22 ހަފްތާ ނުފުރޭ، އަދި ބަރުދަނުގައި 500 ގުރާމް ހަމަނުވާ ކުއްޖަކު ވިހައިފިނަމަ، ސިއްޙީގޮތުންނާއި ސައިންޓިފިކް ގޮތުންވެސް އެކުއްޖެއް ކަނޑައަޅާނީ "ސްޕޮންޓޭނިއަސް އެބޯޝަން" ނުވަތަ ބައިގެން ދިއުމުގެގޮތުގައެވެ.

ކުއްޖާ ދިރިހުރުމުގެ ފުރުޞަތު އޮންނަނީ މައިމީހާގެ ބަނޑަށް 22 ހަފްތާ ވުމަށް ފަހު އުފަންވީނަމައެވެ. އެއަށްވުރެ ތުއްތު އުމުރުގައި ވިހާ ކުއްޖެއްގެ ހަޑިގަނޑުގެ ގުނަވަންތައް ފުރިހަމައަށް އުފެދިފައެއް ނުވާނެއެވެ.

ކުޑަކުދިންގެ ޚާއްސަ ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މައިމީހާގެ ބަނޑަށް 22 ހަފްތާގައި ވިހާފައިވާ އެތައް ކުދިންނެއް ރާއްޖޭގައިވެސް ސަލާމަތްކުރެވިފައި އެބަހުއްޓެވެ. ނަމަވެސް ހަށިގަނޑުގައި އުނިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ނެތި، މިފަދަ ކުދިން ބޮޑެތިވުމަކީ ނާދިރުކަމެކެވެ. ކުއްޖާގެ ހަށިގަނޑުގެ ގުނަވަންތައް އުފެދެނީ މައިމީހާގެ ބަނޑުގައި އޮންނަން އިރުއެވެ. ނަމަވެސް ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ހިތާ ސިކުނޑިއާ ކިޑްނީގެ މައްސަލަތައް ފަދަ ބޮޑެތި ސިއްޙީ މައްސަލަތައް އެފަދަ ކުދިންނަށް ކުރިމަތިވެއެވެ.