އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސްއާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 128 ޕޮއިންޓް 97 ޕޮއިންޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 22 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާ 11 އެސިސްޓް ދިން ލެބްރޮން ޖޭމްސްއެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 27 ޕޮއިންޓް ހޯދާދިން ސްޓެފަން ކަރީއެެވެ.
މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްގެ ޖޭމްސް ހާޑެންވަނީ އެޓީމަށް 21 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާ 15 އެސިސްޓް ކޮށްފައެވެ. މިމެޗްގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދިން ޖޫލިއަސް ރެންޑްލްއެވެ. މީގެއިތުރުން މިލްވޮއުކީ ބަސްކް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 31 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާ 10 އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުންޕޯ އެވެ. މިމެޗްގައި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 37 ޕޮއިންޓް ހޯދާދިން ބްރެޑްލީ ބީލްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޗާލޮޓް ހޯނެޓްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 116 ޕޮއިންޓުން ހޯނެޓްސް ކާމިޔާބުކުރިއިރު ސެން އެންޓޯނިއޯ ސްޕަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ. އަދި ފީނިކްސް ސަންސްއާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 99 ޕޮއިންޓުން ސަންސް ކާމިޔާބުކުރިއިރު ޑެންވަރ ނަގެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ.